Advertisement

އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލަނީ

18 ޖަނަވަރީ 2025 - 21:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިމިގްރޭޝަނުގެ ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވަހީދު -- ފޮޓޯ: އިމިގްރޭޝަން


އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލަނީ

18 ޖަނަވަރީ 2025 - 21:01 0

އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގުރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.

ޝައްމާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މާރާމާރީގައި ބައިވެރިވި ތިން މީހަކު ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފަ. އަދި މި އެންމެން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން،" ޝައްމާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގާފައި ވަނީ އިރާކޮޅެވެ. އެ މާރާމާރީ ހިނގި ވަގުތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މާރާމާރީ ހިންގިއިރު، އެތަން ވީޑިއޯ ކުރަން އެ ސަރަހައްދުގައި ހުރި މީހަކަށް ވެސް ބިދޭސީއަކު އިންޒާރުދީ އެމީހާގެ ގަޔަށް އަތްލި މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ.

ޝައްމާން މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އަމަލު ކުރަން ބިދޭސީންނަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

"އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ޝައްމާން ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި އެވެ. އެ ފަހަރު ވެސް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެކަކު ޑީޕޯޓު ކުރި އެވެ. އެ ފަހަރުގެ މާރާމާރީގައި އެ ސަރަހައްދުގައި އުޅުނު ދިވެހި ކުޑަ ކުއްޖަކަށް ވެސް އަނިޔާވި އެވެ.