Advertisement

ރޯލިން ޓޮބޭކޯ އާއި ޕޭޕަރު ޝިޕްމެންޓުތައް ހިފެހެއްޓީ ކަސްޓަމްސްގެ އެތެރެކުރުން މަނާ ލިސްޓުގައި އެތަކެތި ނެތީސް

19 ޖަނަވަރީ 2025 - 17:10 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކަސްޓަމްސްގެ އޮފިޝަލެއް ބުނީ އެ ޝިޕްމެންޓުތައް ހިފަހައްޓާފައި ހުރީ ހެލްތު މިނިސްޓްރީން ވަކި ގޮތެއް ނުނިންމާތީ ކަމަށް -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ރޯލިން ޓޮބޭކޯ އާއި ޕޭޕަރު ޝިޕްމެންޓުތައް ހިފެހެއްޓީ ކަސްޓަމްސްގެ އެތެރެކުރުން މަނާ ލިސްޓުގައި އެތަކެތި ނެތީސް

19 ޖަނަވަރީ 2025 - 17:10 5

ރޯލިން ޓޮބޭކޯ އާއި ރޯލިން ޕޭޕަރު ޝިޕްމެންޓުތަކެއް ރާާއްޖެއަށް އެތެރެ ކުރިޔަ ނުދީ ހިފަހައްޓާފައި ހުރީ ކަސްޓަމްސްގެ އެތެރެ ކުރުން މަނާ ލިސްޓުގައި އެތަކެތި ނުވެސް ނެތީސްކަން އެނގިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާގޮތުގައި ރޯލިން ޓޮބޭކޯގެ ދެ ޝިޕްމެންޓަކާއި ރޯލިން ޕޭޕަރުގެ ދެ ޝިޕެމެންޓެއް ކަސްޓަމުން މިހާރު ވެސް ހުރީ ހިފަހައްޓައިފަ އެވެ.

އޭގެއިތުރުން ރާއްޖެއަށް ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކުންފުނިތަކުން ކުރިން ފައިސާ ދައްކައި އޯޑަރު ކޮށްފައި ހުރި ޝިޕްމެންޓުތަކެއް މިހާރު ވެސް ރާއްޖެއަށް އައުމުގެ މަގުމަތީގައިވާކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން ކަސްޓަމްސްގެ އޮފިޝަލެއް ބުނީ އެ ޝިޕްމެންޓުތައް ހިފަހައްޓާފައި ހުރީ ހެލްތު މިނިސްޓްރީން ވަކި ގޮތެއް ނުނިންމާތީ ކަމަށެވެ.

"ހެލްތު މިނިސްޓްރީން ވަކި ގޮތެއް ނިންމައިދޭށޭ އެދިފައިވީ، މިއީ ރާއްޖޭގައި ވިއްކޭނެ އެއްޗެއްތޯ ނޫނީ ނޫންތޯ؟ އެކޮޅުން ގޮތެއް ނުނިންމާތީ ހިފަހައްޓާފައި ހުރީ،" އެނާ ބުންޏެވެ.

ރޯލިން ޓޮބޭކޯ އާއި ރޯލިން ޕޭޕަރު ޝިޕްމެންޓުތަކެއް ކަސްޓަމްސްއިން ހިފެހެއްޓި ނަމަވެސް ކަސްޓަމްސްއިން ބަލަހައްޓާ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގައި މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެ ތަކެތި ހިމަނައިފައެއް ނުވެ އެވެ.

އެ ލިސްޓުގައި ދުންފަތާއި ދުންފަތާ ގުޅުންހުރި ބާވަތްތައް އޮތީ މީގެ ކުރިން ވެސް އޮންނަ ގޮތަށް، ހާއްސަ ހުއްދައެއް ނަގައިގެން އެތެރެ ކުރެވޭ ތަކެތީގެ ތެރޭގަ އެވެ. އޭގައި ވަކި ބާވަތެއްގެ ދުންފަތެއް މަނާ ކަމަށް ނުވަތަ ދުންފަތުގެ ބާވަތްތަކަކީ ކޮބައިކަން ތަފުސީލު ކޮށްދީފައެއް ނުވެ އެވެ.

"އެންމެފަހުން ޝިޕްމެންޓެއް ދޫކުރީ ޖެނުއަރީ މަހުގެ ކުރީކޮޅު، އޭގެފަހުން މި ސިޓީ ލިބެނީ ހެލްތުގެ، އެބަހުރި [ބިޑި އޮޅަން ބޭނުންކުރާ] ކަރުދާހުގެ ދެ ޝިޕްމެންޓު، އެކަތި އެއާޕޯޓުގައި އަނެކަތި ޕޯޓުގައި، ދުންފަތް ދެ ޝިޕްމެންޓް އެއާޕޯޓުގައި،" މި ނޫހަށް މައުލޫމާތު ދިން ކަސްޓަމްސްގެ އޮފިޝަލް ބުންޏެވެ.

ރޯލިން ޓޮބޭކޯ އިއްޔެ ވަނީ މުޅި ރާއްޖެއިން ހުސްވެފަ އެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ ރޫޓު ފިހާރަ އާއި އޯސީސީން ވެސް ވަނީ ރޯލިން ޓޮބޭކޯ ހުސްވެފައިވާކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ރާއްޖެއިން ހުސްވެފައި މިވަނީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 3ރ. އިން 8ރ. އަށް މަތި ކުރުމުގެ އިތުރުން ވޭޕާއި އެއާ ގުޅުންހުރި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުމާއި ވިޔަފާރި ކުރުން މަނާ ކުރުމާއެކު އޮޅައިގެން ބޭނުންކުރާ ދުންފަތަށް ބޮޑު ޑިމާންޑެއް އުފެދިފައިވަނިކޮށެވެ.

ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީއަށް އައި ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 110ރ. އިން 250ރ. އަށް އުފުލިފަ އެވެ. ހަމަ އެއާއެކު މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އެ ބަދަލުތަކާއެކު ގިނަ ބަޔަކު އޮޅައިގެން ބޭނުން ކުރާ ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ވަނިކޮށް ދުންފަތް އޮޅާ ކަރުދާހާއި އެއަށް ލައްވާ ފިލްޓަރު ފަދަ ދުންފަތް އޮޅުމަށް ބޭނުންކުރާ ބާވަތްތައް މަނާކުރަން ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސްއަށް އަންގައިފަ އެވެ.