17 ޖަނަވަރީ 2025 - 20:03 1
ްހޯމް މިނިސްޓަރު އަލީ އިހުސާން: ވަގު ފޯމުތައް ފުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ -- ފޮޓޯ: އަދަދު
17 ޖަނަވަރީ 2025 - 20:03 1
ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރުގެ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
މި މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކީގަ އެވެ. މީގެ ކުރިން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޮތީ, ވަގު ފޯމުތައް ފުރުމުގައި އިހުސާން އިސްކޮށް ހަރަކާތްތެރިވީ ކަމަށް ތުހުމަތުކޮށް މި މައްސަލަ މަޖިލީހަށް ވައްދަން ފާސްކޮށްފަ އެވެ.
އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ހިމަނާފައިވެ އެވެ.
އެމްޑީޕީން އިހުސާން ވަކިކުރަން ބޭނުންވާ މައިގަނޑު ސަބަބުތައް ގުޅެނީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތާ އެވެ. މި ހަރަކާތުގެ ތެރެއިން އެތައް ބައެއް ޒާތީ މައުލޫމާތު ނަގައިގެން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
މިކަމުގެ ތެރޭގައި އިހުސާންގެ ބައިވެރިވުން އޮތް ކަމަށް ބާރުދޭ ފޮޓޯތަކެއް ވެސް މިފަހުން ސޯޝަލް މީޑިއާގައި ލީކުވި އެވެ.
އެ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް އެ ތަނުގައި އިންނެވި އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ މިއީ މިނިސްޓްރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ވެލާނާގެ އިމާރާތް ނަމަވެސް ހޯމް މިނިސްޓްރީގެ ފްލޯ ނޫން ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ދުވަހަކު އަޅުގަނޑު އެތަނަށް ދިޔައިން. އެއީ އޮފީހުގެ ރަސްމީ ގަޑިއަކު ވެސް ނޫން،" އިހުސާން ވިދާޅުވި އެވެ.
ފޯމު ފުރުމުގައި ޑީއެންއާރްއިން އާންމުންގެ މައުލޫމާތު ނަގާފައިވާނެތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ޑީއެންއާރްއިން މިހާރު މައުލޫމާތު ނުނެގޭނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ ޑޭޓާބޭސް ކުރިން ލީކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަޖިލީހުގެ 10 މެންބަރުންގެ ސޮޔާއެކުގަ އެވެ.
Comment