Advertisement

ދިވެހި ޑްރާމާ ސީރީޒް "ރޯލީމޭ": ވީޑިއޯކްލަބް ޓްރެންޑިންގް އެއްވަނައިގައި

17 ޖަނަވަރީ 2025 - 15:55 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިވެހި ޑްރާމާ ސީރީޒް "ރޯލީމޭ": ވީޑިއޯކްލަބް ޓްރެންޑިންގް އެއްވަނައިގައި

17 ޖަނަވަރީ 2025 - 15:55 1

އާ އަހަރާއި ދިމާކޮށް މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދިން ދިވެހި ޑްރާމާ ސީރީޒް "ރޯލީމޭ" ވީޑިއޯ ކްލަބުގެ ޓްރެންޑިންގް އެއްވަނައަށް ޖެހިލައި، ވީޑިއޯ ކްލަބުގައި އެންމެ ގިނަ ބަޔަކު ބަލަމުންދާ ސީރީޒްގެ ލަގަބު ހޯދައިފި އެވެ.

އަސަރުން ފުރިގެންވާ ލޯބި އަދި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ އެޕިސޯޑެއް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރިލީޒް ކުރަމުންދާއިރު، އެ ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނެ އެވެ.

މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ އެ ސީރީޒްއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ.

ރޯލީމޭ ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޮކްޓޫބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ކާމިޔާބު ފިލްމު "ބިބީ" ލިޔެ އަދި ޑައިރެކްޓްކުރި ޝަހުދާ މަމްދޫހު އެވެ. އަދި ސީރީޒް ޑައިރެކްޓުކޮށްފައިވަނީ ދިވެހި ފިލްމު ދާއިރާގައި މަގްބޫލު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ޝަރަފް އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބު (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ފެނިގެންދެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބުން ވަނީ މިދިޔަ އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "އެރެއަށްފަހު" އާއި "ޝަރުތު" ސީރީޒް އަދި "ފުރޭތަ" އާއި "ނީނާ" ފިލްމު ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ފިލްމު "ރޮބޯމޭން – ދަ މޫވީ" ވަނީ އޮލިމްޕަސް ސިނަމާގައިވެސް އަޅުވާ ކުދިބޮޑު ގިނަފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފަ އެވެ. ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއް ވީޑިއޯކްލަބްގައި ވަނީ ހިމަނާފަ އެވެ.

މީޑިއާނެޓުން ބުނީ މި އަހަރު ވެސް ދިވެހިން ގަޔާވާ ކަމުދާނެ ފަދަ ފިލްމުތަކާއި ސީރީޒްތައް ބެލުންތެރިންނާއި ހިސާބަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް، ޓީވީ އަދި ފޯނު މެދުވެރިކޮށް ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ބަލާލެވޭނެ އެވެ. އަދި އެމް އެސް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ޓީވީ އަދި ފޯނު މެދުވެރިކޮށް ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބެލެ އެވެ.