about 13 hours 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް. -- ފޮޓޯ: އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ
about 13 hours 0
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ދިވެހިރާއްޖެއިން ތާއިދު ކުރަނީ ޔޫކްރެއިނަށް ކަން ހާމަވެއްޖެ އެވެ.
ޔޫކްރެއިން އާއި އިޒްރޭލަށް ސަޕޯޓުކުރާ އެސްޓޯނިއާ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ބޭއްވި ބައްދަލު ކުރުމާ ގުޅޭ ގޮތުން އެ ގައުމުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ރާއްޖެއިން ޔޫކްރެއިނަށް ތާއިދު ކުރާތީ ޝުކުރު އަދާކޮށްފައިވެ އެވެ.
އެކްސްގެ އެ ޕޯސްޓުގައި އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހޫސަރު ވިދާޅުވީ އެސްޓޯނިއާ އާއި ރާއްޖެ ދުރުގައި އޮތަސް، އެއްގޮތް މަސްލަހަތުތަކެއް ދެ ގައުމުން ވެސް ހިއްސާކުރާ ކަމަށެވެ.
ސަލާމަތީ ކަންކަމާއި، ޔޫކްރެއިނަށް ތާއީދު ކުރުމާއި، ބައިނަލްއަގްވާމީ ގާނޫނުތައް ދެމެހެއްޓުމާ ބެހޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި، އދ. ގައި ރާއްޖެއިން ޔޫކްރޭނަށް ކުރާ ތާއިދަށް ޝުކުރު އަދާކޮށްފައިވެ އެވެ.
މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ރާއްޖެއިން ވަކި ކޮޅެއް ނަގާފައިވާކަން ހާމަވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ.
ރަޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިވާން ޒަގަރްޔާން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޑިފެންސް މިނިސްތަރު ޣައްސާން މައުމޫންއާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، ދެ ގައުމުގެ ވެސް މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި ރާއްޖެއަށް ރަޝިއާގެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާތީ އިގްތިސާދަށް ފައިދާ ކުރާ ކަމަށް ޣައްސާން ފާހަގަ ކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment