Advertisement

ވަގު ފޯމު ފުރީ ޕީއެންސީގެ ޖަގަހައިގައި، މިއީ ލަދުވެތިކަމެއް: އަސްމާ

13 ޖަނަވަރީ 2025 - 20:54 3

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު : އޭނާ ވިދާޅުވީ ޕީއެންސީއަށް މީހުން ވައްދަން ވަގު ފޯމު ފުރީ އެ ޕާޓީގެ އޮފީހުގަ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ


ވަގު ފޯމު ފުރީ ޕީއެންސީގެ ޖަގަހައިގައި، މިއީ ލަދުވެތިކަމެއް: އަސްމާ

13 ޖަނަވަރީ 2025 - 20:54 3

ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހެޅުމުގެ ކަންކަން ކުރީ ޕާޓީގެ ޖަގަހައިގައި ކަމަށް އެ ޕާޓީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އަސްމާ ވިދާޅުވީ، މެންބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކުގައި ބޭނުންކުރި އައިޑީ ކާޑުގައި ހުންނަ މީހުންގެ ފޮޓޯތައް ބަދަލުކޮށް ގަމީސް ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.

އެކަން ކުރީ ޕީއެންސީގެ ޖަގަހައިގެ ތެރޭގައި ހުރި ކޮޓަރިއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ޕީއެންސީގެ ޖަގަހަ ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީ، ބޮޑުތަކުރުފާނު މަގުގަ އެވެ.

ވަގު ފޯމް ފުރި މީހުންނަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ކުރި ބައެއް. ހިތާމައަކީ ޕީއެންސީ އެތެރެއިން މިކަން ކުރީމަ. މިއެއް ނޫން މީހުން އިތުރު ކުރާ ގޮތަކީ. ވަރަށް ވިޔާ ނުދާ، ލަދުވެތި ކަމެއް. ވަރަށް ލަދުވެސް ގަނޭ،" އަސްމާ ލިޔުއްވާފައިވެ އެވެ.

އެކި މީސްމީހުން ނަމުގައި ވަގު ފޯމު ހަދައިގެން، އެ މީސްމީހުންގެ ސިފަ ބަދަލުކޮށްފައި ހުރި ފޮޓޯ ޖަހައިގެން އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަގު ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަމުން ހުށަހަޅަމުން ގޮސް، އެންމެ ފަހުން، ހދ. ވައިކަރަދޫގެ ގިނަ ބަޔަކާއެކު އެމްޑީޕީއަށް ނިސްބަތްވާ އެ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ޕީއެންސީއަށް ވައްދާފައިވާކަން މިއަދު ވަނީ ފަޅައި އަރައި، އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތިލަވެފައިވާ ބައެއް ވަގު ފޯމުތަކުގައި ޕީއެންސީ އަށް ނިސްބަތްވާ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރައްވާފައިވެ އެވެ.

ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޕީއެންސީން ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން ވަކިކޮށް އެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމު އައްޔަންކޮށްފަ އެވެ.