Advertisement

ރެއާލް އަތްދަށުލައި ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި

about 4 hours 0


ރެއާލް އަތްދަށުލައި ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި

about 4 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 13) - ރެއާލް މެޑްރިޑް އަތުން 5-2 އިން މޮޅުވެ، ބާސެލޯނާ އިން 15 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާ އަކީ ސްޕެނިޝް ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން 15 ތަށި ހޯދިއިރު، ރެއާލުން ވަނީ 13 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ސުޕަ ކަޕް ފައިނަލުގައި ރެއާލް އަތުން ބާސެލޯނާ ވީ ބައްޔެވެ. މި ފަހަރު މި ވަނީ އޭގެ ބަދަލު ހިފައިފަ އެވެ.

ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ފަށައިގެން، ފަސް ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ.

ބާސެލޯނާ އިން އެއްވަރުކުރީ 22 ވަނަ މިނިޓްގައި، ލަމީން ޔަމާލް ޖެހި ގޯލުންނެވެ. އޭގެ ފަހުން، މެޗުގެ 36 ވަނަ މިނިޓްގައި ދިން ޕެނަލްޓީ އަކުން ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ.


ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން، ލެވަންޑޯސްކީ ލީޑުނަގައިދިންތާ ތިން މިނިޓް ފަހުން، ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ރަފީނިއާ ބޮލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައުންޓަ އެޓޭކުގައި، ރަފީނިއާ ދިން ބޯޅައަކުން އަލެހަންދްރޯ ބާލްޑޭ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ރެއާލުން ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ކުޅެން ފަށައި ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، ވިނީޝިއުސް ޖޫނިއާ ނެގި ހުރަހަކަށް އަރައި، ރޮޑްރީގޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން، ކައުންޓަ އެޓޭކުގައި ބާސެލޯނާގެ ރަފީނިއާ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު، ވޮޖްޝިއޭ ޝެޒްނީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، އެމްބާޕޭ އަށް ޝެޒްނީ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ވެސް ބަލާފައި ނިންމި ނިންމުމެކެވެ. މި ފައުލަށް ލިބުނު ހިލޭ ޖެހުމުން، ރޮޑްރީގޯ ވަނީ ރެއާލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

އޭގެ ފަހުން، ބަދަލުތަކެއް ގެނައުމަށް ފަހު، ރެއާލުން އިތުރު ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.