12 ޖަނަވަރީ 2025 - 18:32 0
މުހައްމަދު ޝަހްޒާން
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރާއެކު ޑރ. ޝަހީމް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
12 ޖަނަވަރީ 2025 - 18:32 0
ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ޑރ. ތައުފީގު އާ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް ބައްދަލު ކުރައްވައި މި އަހަރުގެ ހައްޖު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފި އެވެ.
އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ ޑރ. ތައުފީގުގެ ދައުވަތަކަށް ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާއިން ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖު މެނޭޖުމެންޓު ޒަމާނީ ވިސްނުން ގެނުވައިދިން ހަރަކާތެއް ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ހައްޖާއި އުމްރާއަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ހައްޖާއި އުމްރާއަށް ދާ މީހުންނަށް ސައުދީން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށާއި އެމީހުންނަށް ކަންކަން ފަސޭހަ ކުރުމަށް އެ ގައުމުގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އާއި ވަލީއަހުދު، މުހައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެ ބައްދަލުވުމުގައި ޝަހީމް ޝުކުރު އަދާ ކުރެއްވި އެވެ.
އޭގެ އިތުރުން ހައްޖަށް ދާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށްޓަކައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ދޭ އެހީތެރިކަން ވެސް އެ ބައްދަލުވުމުގައި ޝަހީމް ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް ވަޑައިގެންނެވުމަށް އެދި ޑރ. ތައުފީގުއަށް އެ ބައްދަލުވުން ނިންމައިލުމުގެ ކުރިން މިނިސްޓަރު ޝަހީމް ދައުވަތު އެރުއްވި އެވެ.
މި އަހަރުގެ ހައްޖު އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރީ އެ ބައްދަލުވުމަށްފަހު އެވެ. އެ އެއްބަސްވުމަކީ ކޮންމެ އަހަރަކު ވެސް ހައްޖަށް މީހުން ދާ ގައުމުތަކާއި ސައުދީ އާ ދެމެދު ވާ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި ހިމެނެނީ ހައްޖަށް މީހުން ގެންދިޔުމަށް ހާއްސަ މިޝަންއެއް އެކުލަވައިލުމާއި ހައްޖަށް މީހުން ގެންގޮސް ގެނައުމުގައި އަމަލު ކުރަންޖެހޭ އިދާރީ ކަންތައްތަކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment