12 ޖަނަވަރީ 2025 - 10:54 0
12 ޖަނަވަރީ 2025 - 10:54 0
ލިވަޕޫލް (ޖެނުއަރީ 12) - އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް 11 އަހަރަށް ފަހު އަލުން އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެއްޖެ އެވެ.
މޮއިސް ވަނީ މީގެ ކުރިން، 2002 އިން 2013 އަށް އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. އެވަޓަންއާ ދުރުގައި މި ހޭދަވި މުއްދަތުގައި މޮއިސް ވަނީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް ސޮސިއެޑާޑް، ސަންޑަލެންޑްގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑަށް ދެ ފަހަރު ކޯޗުކޮށްދީފަ އެވެ. އެންމެ ފަހުން، މިދިޔަ ސީޒަނުގައި އޭނާ ހުރީ ވެސްޓް ހޭމްގަ އެވެ.
އެވަޓަންގެ ކޯޗަކަށް ހުރި ޝޯން ޑައިޝްގެ އިރުޝާދުގެ ދަށުން އެ ޓީމަށް ރަނގަޅު ނަތީޖާތައް ނުނެރެވޭތީ އޭނާ ވަކިކޮށް، މޮއިސް ގެންނަން އެ ކްލަބުން ނިންމައި، އޭނާ އަށް ދިނީ، ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެކެވެ.
"އަހަރެން ވަރަށް ރަނގަޅު 11 އަހަރު މި ކްލަބްގައި މަސައްކަތްކުރިން. އަހަންނަށް އަލުން އެނބުރި އަންނަން ފުރުސަތު ލިބުމާ އެކު، މާ ބޮޑަށް ވިސްނަން ޖެހޭ ކަމެއް އޮތް ކަމަކަށް ނުފެނުނު އެހެންވެ، އަވަހަށް މި ފުރުސަތުގެ ބޭނުންހިފަން ނިންމީ،" މޮއިސް ބުންޏެވެ.
މޮއިސް ބުނީ، އެވަޓަންގެ އާ ސްޓޭޑިއަމްގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާއިރު، އެ ކްލަބް މިހާރު އެ ކުރިއަށްދާ މިސްރާބުގެ ތެރެއިން މަސައްކަތްކޮށްލަން ލިބުމުން ހިތްހަމަޖެހޭ ކަމަށެެވެ.
އެވަޓަން އިން ވަނީ މޮއިސް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމުގެ ކުރިން، މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯއާ ވާހަކަ ދައްކައިފަ އެވެ. އެކަމަކު، މޮރީނިއޯ މި ވަގުތު ހަވާލުވެހުރި ފެނަބާޗޭ ދޫކޮށްލަން ބޭނުމެއް ނުވި އެވެ.
Comment