Advertisement

މާލޭގައި ފެން ބޮޑުވުން: 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

11 ޖަނަވަރީ 2025 - 12:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެއަށް ރޭ ބޯކޮށް ވާރޭވެހި ފެންބޮޑުވުން: 44 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ވަނީ ހަމަޖައްސައިދީފައި -- ފޮޓޯ: އަދަދު


މާލޭގައި ފެން ބޮޑުވުން: 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

11 ޖަނަވަރީ 2025 - 12:38 0

މާލެއަށް ރޭ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހަމަޖައްސައިދީފި އެވެ.

އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ފާހަނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާ ގެތަކުގެ މީހުން ކަމަށެވެ.

"11 ޖެނުއަރީގައި މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީ އެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު މި އޮތޯރިޓީން ވަނީ ހަމަޖައްސާދީފައި،" އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ގޭބިސީތަކުގެ ހާލަތު އެ އޮތޯރިޓީން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

އެގޮތުން އެމްއެންޑީއެފްއިން ބުނީ މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ރޭ މާލޭގައި ފެންބޮޑުވީ އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނިކޮށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ އަދި ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.