11 ޖަނަވަރީ 2025 - 10:21 0
ހުރާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް
11 ޖަނަވަރީ 2025 - 10:21 0
މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގުގައި އިއްޔެ ކްލަބް ވެލެންސިއާ އިން ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އެ ގޮތުން، 12 އަހަރުން ދަށުގެ ލީގުގައި، ވެލެންސިއާ އިން 2-1 އިން ހުރާ ބަލިކުރިއިރު، 14 އަހަރުން ދަށުގެ ލީގުގައި މި ދެ ޓީމުގެ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ބާރަ އަހަރުން ދަށުގެ ލީގުގެ މެޗުަގައި ވެލެންސިއާގެ ލަނޑުތައް ޖެހީ، މުހައްމަދު ލީވާން އަލީ އާއި އަދްޔާން ބިން މުހައްމަދު އާމިލް އެެވެ. ހުރާގެ ހަމައެކަނި ލަނޑު ޖެހީ، ޔޫސުފް އީތަން ސައިހާން އެވެ.
މި މޮޅާ އެކު، 12 އަހަރުން ދަށުގެ ލީގުގައި ވެލެންސިއާ އިން ވަނީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދައި، ހަ ވަނަ އަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތް ހުރާ އަށް ވަނީ ފަސް މެޗުން ހަ ޕޮއިންޓު ލިބިފަ އެވެ.
މި ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
ސާދަ އަހަރުން ދަށުގެ ލީގުގައި، ހުރާ އަށް އަލީ ނައިސާން ލީޑުނަގައިދީފައިވަނިކޮށް ވެލެންސިއާ އަށް އެއްވަރުކޮށްދިނީ، މާން އިބްރާހިމް ޝަހީލް އެވެ.
ސާދަ އަހަރުން ދަށުގެ ލީގުގެ އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް މި ވަނީ، ފަސް މެޗު ކުޅެގެން ފުރަތަމަ ޕޮއިންޓު ލިިބިފަ އެވެ. ހުރާ ހަ ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. މި އުމުރުފުރާގެ ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދި ޓީސީ ސްޕޯޓްސް ކްލަބް އެވެ.
Comment