ދިވެހި ޔޫތު ލީގު: ޗެމްޕިއަން ވެލެންސިއާ ފަހު މެޗުގައި މާޒިޔާ އަތުން ބަލިވެއްޖެ

29 ޖަނަވަރީ 2025 - 06:55 0

ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަހުނަފް މުހައްމަދު / އަދަދު ސްޕޯޓްސް


ދިވެހި ޔޫތު ލީގު: ޗެމްޕިއަން ވެލެންސިއާ ފަހު މެޗުގައި މާޒިޔާ އަތުން ބަލިވެއްޖެ

29 ޖަނަވަރީ 2025 - 06:55 0

ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބް ވެލެންސިއާ އިން ކުޅުނު ފަހު މެޗުގައި 4-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެއްޖެ އެވެ.

އިއްޔެގެ މެޗާ ހަމައަށް ވެލެންސިއާ އިން ހުރިހާ މެޗަކުން މޮޅުވެ، އޮތީ ލީގު ޗެމްޕިއަންކަން ވެސް ޔަގީންކޮށްފަ އެވެ. ފަހު މެޗުގައި، ވެލެންސިއާ އަތުން ހޯދި މޮޅާ އެކު، މާޒިޔާ އިން ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ.

ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 5-0 އިން މޮޅުވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދިޔައީ ތިން ވަނަ އެވެ. އެއީ ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ.

މާޒިޔާ އަށް އިއްޔެގެ މެޗުގައި ލަނޑުތައް ޖަހައިދިނީ މުހައްމަދު ޒީކް، ޝައިބާން މުހައްމަދު، ހުސެއިން ޝާން އަދި ލޫތު ބިން ސައުދު އެވެ. މި މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ، އަހުމަދު މިކްޔަލް މުއީން އެވެ.

ސަސް އަށް ފަހު މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޝަޔާން ޝިފާއު ހެޓްރިކެއްގެ އިތުރުން، އާކިފް ބިން މުހައްމަދު އަދި އަބްދުﷲ އައިދާން ސާޖިދު އެވެ.

ލީގު ނިމުނުއިރު، ވެލެންސިއާ އިން ތާވަލުގެ އެއް ވަނަ ހޯދީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި މާޒިޔާ އަށް 16 ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމި ސަސް އާއި ހަތަރެއްގައި ނިންމި ޓީސީ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނަ ހޯދި ވިކްޓަރީ އަށް ހަ ޕޮއިންޓް ލިބުނުއިރު، ހަ ވަނަ ހޯދި ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އާއި ހަތް ވަނަ ހޯދި ކްލަބް އީގަލްސް އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. އަދި ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި އެފްއޭއެމް ގުޅިގެން ތިން އުމުރުފުރާ އަކަށް ކުރިއަށްގެންދިޔަ ލީގުތަކުގެ ތެރެއިން 12 އަހަރުން ދަށުގެ ލީގު ޗެމްޕިއަންކަން ސަސް އިން ހޯދިއިރު، 14 އަހަރުން ދަށުގެ ލީގު ކާމިޔާބުކުރީ ޓީސީ އެވެ.