25 ޖަނަވަރީ 2025 - 05:01 0
ޓީސީ ކުޅުންތެރިއަކު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަހުނަފް މުހައްމަދު / އަދަދު ސްޕޯޓްސް
25 ޖަނަވަރީ 2025 - 05:01 0
މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތުގެ ޗެމްޕިއަންކަން، ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ހޯދައިފި އެވެ.
ޓީސީން އެކަޑަމީގެ ކަންކަން ކުރިއަށްގެންދަނީ، މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެންނެވެ.
ސާދަ އަހަރުން ދަށުގެ ލީގުގައި ޓީސީން އެންމެ ފަހުން ކުުޅުނު މެޗުގައި ބައްދަލުކުރީ ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ)އާ އެވެ. އެ މެޗުން، 2-0 އިން ޓީސީ ވަނީ މޮޅުވެފަ އެވެ. ޓީސީގެ ލަނޑުތައް ޖެހީ ޝާދިން ރައްޒާގު އާއި ޝާއިމް ނަޝީދު އެވެ.
ޓީސީން ޗެމްޕިއަންކަން ހޯދީ ލީގުގެ ހުރިހާ މެޗެއް ނިމިގެންދިޔައިރު، ހަތް މެޗު ކުޅެގެން، މެޗަކުން ބަލިނުވެ، 17 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ފަސް މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގުގެ ދެ ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް މެޗަކުން ބަލިނުވެ އެވެ. އެ ޓީމަށް ހަތް މެޗުން ލިބުނީ 15 ޕޮއިންޓެވެ. ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ތިން ވަނަ ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ހަތް މެޗުން 14 ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވަނީ އެއް މެޗުން ބަލިވެފަ އެވެ.
ހަތަރު ވަނަ އަށް ދިޔައީ ހަތް މެޗުން 10 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ފަސް ވަނަ ހޯދި ކްލަބް ވެލެންސިއާ އަށް ހަތް މެޗުން ހަތް ޕޮއިންޓް އަދި ހަ ވަނަ ހޯދި ހުރާ އަށް ހަތް މެޗުން ހަ ޕޮއިންޓް ލިބިފައިވެ އެވެ. ހަތް ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ހަތަރު ޕޮއިންޓް އަދި ފުލަށް ދިޔަ ކްލަބް އީގަލްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އެފްއޭއެމް އާއި އެމްއެސްމޭޓްސް ގުޅިގެން ބޭއްވި މި މުބާރާތުގައި އަށް ޓީމެއް ކުުޅުނުއިރު، ތިން އުމުރުފުރާއެއްގެ ލީގު ކުރިއަށްދިޔަ އެވެ. އެ ގޮތުން، 12 އަހަރުން ދަށުގެ ލީގުގެ ޗެމްޕިއަންކަން ގެންދިޔައީ ސަސް އިންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment