about 19 hours 0
މުހައްމަދު ޝަހްޒާން
އާޓްވޯކް: އިސްމާއިލް އިމްދާދު
about 19 hours 0
މިދިޔަ އަހަރު އެމްއެމްއޭއިން އެކުލަވާލައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން އެ އޮތޯރިޓީގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ އިތުރު ފުރުސަތު ލިބޭ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމުގެ ގަވާއިދެއް ހަދައިފި އެވެ.
އެ ގަވާއިދަކީ ރިސޯޓުތަކާއި ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރު މާރު ކުރުން މަޖުބޫރުވާ ގޮތަށް މިދިޔަ ޑިސެމްބަރު 14، މަޖިލީހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
އެމްއެމްއޭއިން ގެޒެޓުކުރި ގަވާއިދުގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްއެމްއޭއިން އެކުލަވާލައި އަމަލު ކުރަންފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ވެސް ރެޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފަ އެވެ. އެގޮތުން އެ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ކުރިން ރެޖިސްޓްރީ ވުމަށް އެ ގަވާއިދުގައި އަންގާފައިވެ އެވެ.
އެމްއެމްއޭއިން އިއްޔެ ގެޒެޓުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމުގެ ގަވާއިދުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ޓޫރިޒަމް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ނުހިމެނުނު ނަމަވެސް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 15 މިލިއަން ޑޮލަރަށްވުރެ ބޮޑު ނަމަ އެ ކުންފުންޏަކުން ޑޮލަރު މާރުކުރަން އެމްއެމްއޭގައި ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
އެ ގަވާއިދުގައި ވާގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ލިބުނު ވިޔަފާރިތަކުން ފެބްރުއަރީ 3، ގެ ކުރިން ރެޖިސްޓްރީ ވާން ޖެހެ އެވެ. އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ ނަމަ ޖެހިގެން އަންނަ އަހަރެއްގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އެމްއެމްއޭގައި ރެޖިސްޓްރީވުން އެ ގަވާއިދުގެ ދަށުން ވަނީ ލާޒިމު ކޮށްފަ އެވެ.
އެ ގަވާއިދުގައި ދެން ހިމެނެނީ އެ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރެޖިސްޓްރީ ނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭ ކަމާއި އެފަދަ ހާލަތްތަކުގައި އެމްއެމްއޭއިން އަމަލު ކުރާނެ ގޮތެވެ.
އެމްއެމްއޭގައި ރެޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
Comment