Advertisement

އިނގިރޭސި ކްލަބްތަކުން ކްވަރަޝްކޭލިއާ އަށް ފާރަލަނީ

about 14 hours 0


އިނގިރޭސި ކްލަބްތަކުން ކްވަރަޝްކޭލިއާ އަށް ފާރަލަނީ

about 14 hours 0

ނޭޕްލްސް، އިޓަލީ (ޖެނުއަރީ 10) - ނަޕޯލީ އަށް ކުޅެމުން އަންނަ ޖޯޖިއާގެ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ ގަންނަން އިނގިރޭސި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ކްވަރަޝްކޭލިއާ، 23، ހޯދަން މީގެ ކުރިން އިނގިރޭސި ކްލަބް، މެންޗެސްޓާ ސިޓީން ނަޕޯލީ އަށް މަޝްވަރާކުރަން ހުށަހެޅުމުން، އޭރު އެ ކްލަބުން ވަނީ ޓްރާންސްފާ ފީ އަކީ މަދުވެގެން، 84 މިލިއަން ޑޮލަރު ކަމަށް ބުނެފަ އެވެ. އޭގެ ފަހުން، ސިޓީން ވަނީ، މި ސީޒަނުގައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮމަރު މާމޫޝް ގެންނަން މަސައްކަތް ފަށައިފަ އެވެ.

މި ވަގުތު ކްރަވަޝްކޭލިއާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. މި ރޭހުގައި ފްރާންސްގެ ގަދަބާރު ޕީއެސްޖީން ވެސް ވާދަކުރެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބްގެ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް، ނަޕޯލީ އަށް ދީފައި ކްވަރަޝްކޭލިއާ ގެންނަން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން، ލިވަޕޫލުން ކްވަރަޝްކޭލިއާ ގަންނަން ޝައުގުވެރިވާއިރު، އެ ޑީލުގެ ތެރެއިން ނަޕޯލީ އަށް ފެޑެރީކޯ ކިއޭޒާ ދޫކޮށްލުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖޯޖިއާގެ ޑިނަމޯ ބަޓޫމީ ދޫކޮށް 10 މިލިއަން ޑޮލަރުގެ އަގަކަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ނަޕޯލީ އަށް ބަދަލުވި ކްވަރަޝްކޭލިއާގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އޭނާ 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ ކަމަށް އެ ޓީމުގެ ރައީސް އައުރޭލިއަން ޑީ ލައުރެންޓީސް މީގެ ކުރިން ވިދާޅުވި އެވެ.

އެކަމަކު، ނަޕޯލީގެ މާލީ ހާލަތު ހުރި ގޮތުން އާ ކުޅުންތެރިން ގަންނަން އިންވެސްޓްކުރެވެން އޮތީ ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީ އަށް ބަލައިގެން ކަމަށްވާތީ، ބޮޑު އަގުގައި ބައެއް ކުޅުންތެރިން ދޫކޮށްލަން އޮތީ ޖެހިފަ އެވެ.

ކްވަރަޝްކޭލިއާއާ އެކު، ނަޕޯލީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ކުރިން، އެކި ފަހަރު މަތިން ދީފައިވާ މީޑިއާ އިންޓަވިއުތަކުގައި ކްވަރަޝްކޭލިއާ ވަނީ އޭނާ އެންމެ ކުޅޭހިތްވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް ބުނެފަ އެވެ.