10 ޖަނަވަރީ 2025 - 08:19 0
ދިވެހި ޔޫތު ލީގުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް
10 ޖަނަވަރީ 2025 - 08:19 0
މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގުގައި އިއްޔެ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ފަހު، 12 އަހަރުން ދަށުގެ ލީގުގެ ކުރިއަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލިއިރު، 14 އަހަރުން ދަށުގެ ލީގުގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، 12 އަހަރުން ދަށުގައި މާޒިޔާ އިން ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 5-0 އިންނެވެ. އަދި މި އުމުރުފުރާގައި، ޓީސީން ވަނީ 3-0 އިން އީގަލްސް ބަލިކޮށްފަ އެވެ. މާޒިޔާގެ ލަނޑުތައް ޖެހީ، އަހުމަދު ރާކިން، އުސައިމިން އިބްރާހިމް، މިޝްއަލް އަހުމަދު ދެ ގޯލުގެ އިތުރުން މިކައެލް ލައެލް އެވެ. ޓީސީގެ ލަނޑުތައް ޖެހީ، އަޒްޔާން ސޮފްވާން ދެ ގޯލާއި މާހީ ޝިޔާމް އެވެ.
މި އުމުރުފުރާގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ، 12 ޕޮއިންޓް ލިބިފަ އެވެ. ސަސް ދެ ވަނައިގައި އޮތީ ހަތަރު މެޗު ކުޅެގެންނެވެ. މާޒިޔާ އިން ވަނީ ފަސް މެޗު ކުޅެފަ އެވެ.
ސާދަ އަހަރުން ދަށުގައި، ޔުނައިޓެޑް ވިކްޓަރީ އަތުން މާޒިޔާ މޮޅުވީ 3-0 އިންނެވެ. ލަނޑުތައް ޖެހީ، އަލީ އަލްވިން، އަހުމަދު މަހަލް އަދި ޖިހާދު އަލީ އެވެ. މި އުމުރުފުރާގައި ޓީސީން ވަނީ އީގަލްސް އަތުން 2-1 އިން މޮޅުވެފަ އެވެ. ޓީސީގެ ލަނޑުތައް ޖެހީ، ޝާދިން ރައްޒާގު އާއި އިލްހާމް އިބްރާހިމް އެެވެ. އީގަލްސްގެ ލަނޑު ޖެހީ އަހުމަދު އާހިލް އާތިފް އެވެ.
ސާދަ އަހަރުން ދަށުގެ އެއް ވަނައިގައި ޓީސީ އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސަސް އާއި ތިން ވަނައިގައި އޮތް ވިކްޓަރީ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މާޒިޔާ އަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.
ޔޫތު ލީގުގައި މިއަދު ހަވީރު އޮތީ 12 އަހަރާއި 14 އަހަރުން ދަށުގެ ލީގުގައި ވެލެންސިއާ އާއި ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) ކުޅޭ މެޗެވެ.
Comment