Advertisement

މާދަމާ ހެނދުނު މާލޭގެ ބޮޑު ހިސާބަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ

މާލެ ސިޓީ


މާދަމާ ހެނދުނު މާލޭގެ ބޮޑު ހިސާބަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ

ހުޅުމާލެ ފޭސް 2 ގައި ބަހައްޓާފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް މާދަމާ ހެނދުނު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު 06:00 އިން 08:00 ޖެހުމާ ދެމެދު އެއް ގަޑިއިރުގެ ވަގުތަކަށް މާލޭގެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށާއި ފާހަގަކޮށްފައިވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކުން ވެސް ކަރަންޑު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައި ވޯލްޓޭޖް ސުވިޗް ގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭ ކަމަށެވެ.

ހުޅުމާލެ ފޭސް ދޭކަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ފޭސް 2 އަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.