Advertisement

މަޝްއަރު ޓުއާސްގެ ޗެކުތައް ބައުންސްވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ހައްޖުގެ އަޅުކަން ބަޔަކު އަދާކުރަނީ -- ފޮޓޯ: އޭއެފްޕީ


މަޝްއަރު ޓުއާސްގެ ޗެކުތައް ބައުންސްވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

އުމްރާ އަށް މީހުން ގެންދިޔަ އަލް މަޝްއަރު ޓުއާސްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ޗެކުތައް ބައުންސްވީ މައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ މަހު ފޮނުވައިފި އެވެ.

ފުލުހުން ބުނީ މަޝްއަރު ޓުއާސްއިން އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލަ އެ އިދާރާއަށް ރިޕޯޓު ކުރީ އެޕްރިލް 13، 2024 ގައި ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ޕީޖީއަށް ދައުވާ ކުރަން ފޮނުވީ ޑިސެމްބަރު 2، 2024، ގައި ކަމަށް ފުލުހުން ބުންޏެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މާޗު، 2023 އަދި އެޕްރިލް، 2023 ގައި ސައުދީއަށް ގެންދިޔަ އެވެ.

އެ މީހުންގެ ޓިކެޓްގެ އަގަށް 141،450 ޑޮލަރު އެރިއިރު، ފްލައިޓް ޗާޓަރު ކޮށްދިން ކުންފުންޏަށް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ބައުންސް ވެފައި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލައި އެ ގްރޫޕްގެ ހުއްދަ ވެސް ބާތިލު ކުރި އެވެ.

އެކަމަކު އެ ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރު ވެސް އުމްރާއަށް ދިޔަ ދިވެހިންތަކެއް ހާލުގައި ޖެހި ރާއްޖެ ނާދެވި ތާށިވި އެވެ. އެފަހަރު އެ ގްރޫޕުން އުމްރާވެރިން އުމްރާއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އެވެ.

އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެހުނު މައްސަލަ އާއި އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި މީހުން އުމްރާއަށް ގެންދިޔަ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި އެވެ.

އުމްރާވެރިންގެ ފައިސާތައް ބޭނުން ކުރުމަށްފަހު ސައުދީގައި އެމީހުން ހާލުގައި ޖެއްސި އުމްރާއަށް މީހުން ގެންދާ އަލް ހިޖްރަ ގްރޫޕުގެ މައްސަލައެއް މި ނޫހުން ރިޕޯޓު ކުރި ފަހުން، މިއަދު އިސްލާމިކް މިނިސްޓްރީން ވަނީ އެ ގްރޫޕުގެ ހުއްދަ ބާތިލުކޮށް، 100،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

މީގެއިތުރުން އަލް ހިޖްރަ ގްރޫޕްގެ ބެލުމުގެ ދަށުގައި އުމްރާއަށް ދިޔަ މީހުން އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ގްރޫޕާ ހަވާލުކޮށް، އެ މީހުންނަށް އަނބުރާ ރާއްޖެ ގެނެވޭ ގޮތް މަގުފަހިކޮށްދީފަ އެވެ.