9 ޖަނަވަރީ 2025 - 11:46 1
ލީވާން އަލީ ނާސިރު
މާފުށި ޖަލު
9 ޖަނަވަރީ 2025 - 11:46 1
މާފުށި ޖަލުގައި ގައިދީންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަން ފެށި ނަމަވެސް، އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގުކޮށްފި އެވެ.
"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މާފުށި ޖަލުގައި އެންމެ ހައި ސެކިއުރިޓީ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިންގަން ފެށިތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
ނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "އަދަދު" އަށް ވިދާޅުވީ ޖަލުގައި ގައިދީންތަކެއް ޖަލުން ދޭ ތަކެތި ނުކައި، އެމީހުން އަމިއްލައަށް ކާބޯތަކެތި ގަނެގެން ކައިބޮއެ ހަދަމުންދާ ކަމަށެވެ.
އެގޮތަށް އަމިއްލައަށް ކާބޯތަކެތި ގަނެގެން ކަނީ ކިތައް ގައިދީން ކަމެއް އަދި އެމީހުން ޖަލުން ދޭ ތަކެތި ނުކާން ފެށިތާވީ ކިހާ ދުވަހެއް ކަމެއް ޔުސްރީން ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ހާލު ދެރަވާ ކަމަށް ބުނުމުން ފަރުވާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގައިދީންތަކެއް އަޅުގަނޑުމެން ދޭ ކާއެއްޗެ ނުނަގަނީ. އެކަމަކު އެމީހުން ވިޔަފާރި އުސޫލުން ގަނެގެން އެއްކޮށްފައި ހުންނަ ކާއެއްޗެހި ކައިގެން ތިބެނީ. އެހެންވީމަކާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ނޫން އެއީ އަނެއްހެން. އެއްވެސް މީހަކު އެޑްމިޓެއް ނުކުރޭ. ދެ މީހަކު ވަރުދެރަވާ ވާހަކަ ބުނީމަ ގެންގޮސްފައި ޑޮކްޓާ ޗެކް ކޮށްފައި ބުނީ ވައިޓަލްސްއާ އެއްޗެހި ރަނގަޅޭ،" ޔުސްރީން ވިދާލުވި އެވެ.
ޔުސްރީން ވިދާޅުވީ ގައިދީން ޖަލުން ދޭ އެއްޗެހި ނުކާން ފެށި ޖަލުގެ ސެކިއުރިޓީއާ ގުޅިގެން އޮޕަރޭޝަނަށް ގެނައި ބަދަލުތަކާ ގުޅިގެން ކަމަށާއި ގައިދީންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާފުށީ ޖަލުގައި އޮންނަ އުސޫލުން އެތަނުގައި ތިބޭ ގައިދީންނަށް އާއިލާތަކަށް ކޮންމެ މަހަކު 2،000ރ. ފޮނުވެ އެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ގައިދީން ބޭނުންވާ ތަކެތި ފޯމެއް ފުރުމުން ވަކި ލިމިޓަކަށް ޖަލުން ފޯރުކޮށްދެ އެވެ.
މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނީ މާފުށީ ޖަލުގެ ޔުނިޓް 2 އަދި 4 ގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ބައެއް ގައިދީން ހާލު ދެރަވެ އެޑްމިޓް ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ގައިދީން ގެ އާއިލާތަކުން ހިއްސާކޮށްފައި ވަނިކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމާގުޅުން ހުރި ވީޑިއޯތަކެއް ވަނީ މި ޖަމިއްޔާއަށް ލިބިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.
އަދި ގައިދީނަން ދިނުމަށް ގާނޫނާއި ގަވައިދުތަކުގައި ކަނޑައެޅިފައިވާ އެންމެހައި ހައްގުތަކެއް ކަށަވަރު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
Comment