about 20 hours 0
ލީވާން އަލީ ނާސިރު
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ތާރީހުގައި މާލެއަށް އެންމެ ބޯކޮށް ވާރޭވެހުނީ ޖެނުއަރީ 3، ގައި، ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާ -- ފޮޓޯ: އަތޫފް އާތިފް / އަދަދު
about 20 hours 0
މާލެއަށް ތާރީހުގައި އެންމެ ބޯކޮށް ވާރޭވެހުނީ ޖެނުއަރީ 3، ގައި ކަމަށާއި އެ ދުވަހު މާލޭގެ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭއިން ބުނީ ޖެނުއަރީ 3، ގެ ރޭގަނޑު 12:00 އިން ޖެނުއަރީ 4، ގެ ރޭގަނޑު 12:00 ޖެހުމާ ހަމައަށް މާލެއަށް 161.9 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އެއީ މިހާތަނަށް މާލެއަށް 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރު ކަމަށެވެ.
އަދި ޖެނުއަރީ 3، ގެ މެންދުރުފަހު 3:00 އިން ފެށިގެން އެ ދުވަހު އިރުއޮއްސި 6:00 ޖެހުމާ ހަމައަށް 109.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހުނުއިރު، އެއީ މިހާތަނަށް ތިން ގަޑިއިރު ތެރޭގައި މާލެއަށް އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރު ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
ޖެނުއަރީ 3، ގައި ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިން ބުއިން ދެ ދުވަހުގެ މުއްދަތައް ފޯރުކޮށްދިނެވެ.
ފެންބޮޑުވުމާއި ގުޅިގެން ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭ ކަމަށް މާލެއިން 145 ގޭބިސީއަކުން ފާހަގަކުރެވި، އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދާ ނިންމާފަ އެވެ.
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ވިޔަފާރިތަކާއި ގުދަންތަކުގެ އިތުރުން އެހެން ތަންތަނަށް ލިބުނު ގެއްލުން ނުލައި ހަމައެކަނި ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރަ އެވެ.
ވިއްސާރައިގެ ސަބަބުން އުދަ އަރައިގެން ރ. އިނގުރައިދޫ އަދި ށ. ނަރުދޫއިން އެންޑީއެމްއޭއަށް ރިޕޯޓު ކުރި އެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން އެންޑީއެމްއޭއަށް އަތޮޅު ތެރެއިން ރިޕޯޓު ކުރީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި އަދި ކ. ހިންމަފުށިންނެވެ.
އޭގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން ހުށަހެޅުމުން އެސެސްމަންޓް ފޯމުތައް ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެއީ މާމިގިލިން ތިން ފޯމް، ދ. މީދޫއިން 43 ފޯމު، މަގޫދޫއިން ފަސް ފޯމު އަދި ފ. ނިލަންދޫއިން 22 ފޯމެވެ.
މީގެއިތުރުން އަތޮޅު ތެރޭ ރަށްރަށަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ދަނޑު ބިންތަކާއި، އެކި ވިޔަފާރިތަކާއި، ގުދަން އަދި އެހެނިހެން ތަންތަން ނުހިމެނެ އެވެ.
އެންޑީއެމްއޭއިން ބުނީ އޮޕަރޭޝަނަށް 61،500ރ. ހަރަދުވި ކަމަށާއި އަދި ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއުން ބުއިމަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ދިން ކަމަށެވެ.
މިއީ މާލެއަށް ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އެންޑިއެމްއޭއިން ބުންޏެވެ. އަދި މިއީ އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ވެސް ބަދަލު ކުރަން ޖެހުނު ފަހަރުކަން އެ އޮތޯރިޓީން ބުންޏެވެ.
Comment