about 21 hours 1
މުހައްމަދު ޝަހްޒާން
ކަނޑުހުޅުދޫ ކައުންސިލް މެންބަރުންނާއެކު ރައީސް މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް
about 21 hours 1
ގއ. ކަނޑުހުޅުދޫ ސްކޫލަށް ވާރޭވެހޭތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީގައި އެދުނުތާ އަހަރުދުވަސް ވާން ކައިރިވީ އިރުވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަސްފާހު ހަސަން އާދޭސް ދަންނަވައިފި އެވެ.
ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ކަނޑުހުޅުދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ކުޑަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްފާހު ވިދާޅުވީ އެ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ސްކޫލަކީ މީގެ 35 އަހަރު ކުރިން އިމާރާތް ކޮށްފައި ހުރި ތަނެއް ކަމަށް ވާތީ އެ އިމާރާތް މިހާރު ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ޖަލްސާ މި ކުރިއަށް ގެންދާ އިމާރާތަކީ މީގެ 35 އަހަރު ކުރިން އިމާރާތް ކުރެވިފައިވާ ތަނަކަށް ވީ ހިނދު މިތަން މިހާރު މިވަނީ ވަރަށް ބޮޑަށް ވީރާނާވެ ބޭނުން ނުކުރެވޭވަރު ވެފައި، މިތަނުގައި ކިޔަވައިދޭން ތިބެންޖެހެނީ ވާރެޔާ ތެެމިގެން ނޫނީ ބޯކޮށް ވާރޭވެހޭ ދުވަސްދުވަހު ކުލާސްތައް މި ޖެހެނީ ކެންސަލް ކުރަން،" އަސްފާހުު ވިދާޅުވި އެވެ.
ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އެދުނުކަން ފާހަގަކުރައްވައި އަސްފާހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން، އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަނޑުހުޅުދޫ ކައުންސިލުން އެދުނު ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި އެެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމުގެ ޝަކުވާ ރައީސްގެ އަރިހުގައި އޭނާ ކުރެއްވި އެވެ.
"މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއާ އަޅުގަނޑުމެން ކައުންސިލުން ބައްދަލުކޮށް ސްކޫލްގެ ކުލާސްރޫމްތަކުގެ ހާލަތާއި މިހާރު މި ހުއްޓިފައިވާ މަލްޓިޕާޕަސް ހޯލުގެ ވާހަކަ ވާނީ ދެންނެވިފައި، ނަމަވެސް ހިތާމައަކީ މިއަދާ ހަމައަށް އައިއިރު ވެސް މިކަން ކުރިއެރުމެއް ލިބިފައި ނުވާކަން، މިހެންކަމުން އަޅުގަނޑުމެންގެ އެދުމަކީ މި އަހަރު ތެރޭގައި އިތުރު ކުލާސް ރޫމުތައް އަޅައިދިނުމާއެކު މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމަވައިދެއްވުން،" ރައީސްގެ އަރިހުގައި އާދޭސް ދަންނަވައި އަސްފާހު ވިދާޅުވި އެވެ.
Comment