7 ޖަނަވަރީ 2025 - 19:14 0
ލީވާން އަލީ ނާސިރު
ގައުމީ ކޮމްޕިއުޓާ ވިއުގަ އަޕްގްރޭޑް ކުރުމަށް ދިރާސާއެއް ހަދަން ލަންކާ ކުންފުންޏަކާ ހަވާލު ކުރުން
7 ޖަނަވަރީ 2025 - 19:14 0
ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޮލޮޖީއަށް ބިނާކޮށް ގައުމީ ކޮމްޕިއުޓާ ވިއުގައިގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހަދަން ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފި އެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ އެން-އޭބަލްއަށް ދިރާސާ ހެދުމަށް ދިނީ ބައިނަލްއަގުވާމީ ބީލަމަކަށް ހުޅުވާލައި އެކަމަށް ކުރިމަތިލީ ކުންފުނި ތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރުމުން ކަމަށެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ.
ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށް އެ ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހެ އެވެ.
މިގޮތުން އެން-އޭބަލްއަށް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިން ފޯރުކޮށްދީފައިވާ ރިކުއާމަންޓާއި އެއްގޮތަށް އެ ޓެކްނޯލޮޖީ ބޭނުން ކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެންސީއައިޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތަކީ ހަތަރު މަސް ދުވަހެވެ.
އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި އެންސީއައިޓީ އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގާއިމުކޮށްފައިވާ ކޮމްޕިއުޓާ ވިއުގައެކެވެ.
އެންމެ ފުރަތަމަ އެ ވިއުގަ ގާއިމްކުރީ 2000 އަހަރު ތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ. ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން އެ ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ގާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ.
Comment