7 ޖަނަވަރީ 2025 - 02:18 0
7 ޖަނަވަރީ 2025 - 02:18 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 7) - އިތުރު ވަގުތުގައި ޓަމީ އަބްރަހަމް ޖެހި ގޯލުން ފަހަތުން އަރައި، 3-2 އިން އިންޓަ މިލާން ބަލިކޮށް، އޭސީ މިލާނުން އަށް އަހަރު ފަހުން އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިލާނުން އެންމެ ފަހުން ސުޕަ ކަޕް ކާމިޔާބުކުރީ 2016 ވަނަ އަަހަރު އެވެ. އެއީ، ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށްގެންނެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ފައިނަލުގައި ޔުވެންޓަސް އަތުން ބަލިވިއިރު، 2022 ވަނަ އަހަރުގެ ފައިނަލުގައި އިންޓަ އަތުން 3-0 އިން ބަލިވި އެވެ.
ފޯރިގަދަވި މި ފަހަރުގެ ސުޕަ ކަޕް ފައިނަލުން މޮޅުވެ، މިލާނުން މުބާރާތް ކާމިޔާބުކުރިއިރު، މިއީ ހަަތަރު ޓީމުގެ ފޯމެޓަށް ކުޅެން ފެށި ފަހުން މިލާނުން މި ތަށި ހޯދި ފުރަތަމަ ފަހަރެވެ.
ޖުމްލަ އެކު، މިލާނުން ވަނީ، އަށް ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އިންޓަ އިން ވެސް އަށް ފަހަރު ތަށި ހޯދާފައިވެ އެވެ. އެންމެ ގިނައިން ސުޕަ ކަޕް ކާމިޔާބުކުރި ޔުވެންޓަސް އަށް ވަނީ ނުވަ ތަށި ލިބިފަ އެވެ.
ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ އަށް ލީޑުނަގައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އަދި ދެ ވަނަ ހާފުގެ ދެ ވަނަ މިނިޓްގައި އިރާނުގެ ފޯވާޑް މަހުދީ ތަރޭމީ ވަނީ އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ.
މިލާނުގެ ފުރަތަމަ ލަނޑު 52 ވަަނަ މިނިޓްގައި ޖެހީ ތެއޯ ހެނާންޑޭޒް އެވެ. އަދި މެޗުގެ 80 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ މިލާނުން އެއްވަރުކުރި ގޯލު ޖަހައިދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ރަފައެލް ލެއާއޯ ދިން ބޯޅައަަކަށް އަރައި، އަބްރަހަމް ވަނީ މިލާނަށް ސުޕަ ކަޕް ކާމިޔާބުކޮށްދިން ގޯލު ޖަހައިފަ އެވެ.
މިލާނުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ސާޖިއޯ ކޮންސެސާއޯ ހަވާލުވިތާ ދެ ވަނަ މެޗުގައި އެ ޓީމުން މި ވަނީ ތަށްޓެއް ހޯދައިފަ އެވެ. މިލާނުގެ ކޯޗުކަމުން ޕައޮލޯ ފޮންސޭކާ ވަކިކުރުމަށް ފަހު، ކޮންސެސާއޯ ކޯޗަކަށް ހަމަޖެއްސި ފަހުން އެ ޓީމުން ކުޅުނީ ސުޕަ ކަޕްގެ ދެ މެޗެވެ. ސުޕަ ކަޕް ސެމީ ފައިނަލުގައި މިލާނުން ޔުވެންޓަސް ބަލިކުރީ ކޮންސެސާއޯގެ ފުރަތަމަ މެޗުގަ އެވެ.
Comment