Advertisement

އުތުރުގެ އަތޮޅުތަކުގައި ސާފުކޮށް ލޮލަށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެއްޖެ

6 ޖަނަވަރީ 2025 - 20:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން މާލެ ސަރަހައްދުގެ ވައި ނުސާފުވި ދުވަސްވަރެއްގެ ފޮޓޯއެއް: ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މެދުރާއްޖެތެރެއަށް ފުސްގަނޑު ފެތުރޭނެ ކަމަށް މެޓުން ބުނި -- ފޮޓޯ: އަދަދު ފައިލް


އުތުރުގެ އަތޮޅުތަކުގައި ސާފުކޮށް ލޮލަށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެއްޖެ

6 ޖަނަވަރީ 2025 - 20:06 0

ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެ އުތުރުގެ އަތޮޅުތަކުގައި ސާފުކޮށް ހަމަލޮލަށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ސޯޝަލްމީޑިއާގައި މެޓް އޮފީހުން ކުރި ޕޯސްޓެއްގައި ބުނީ މި ވަގުތު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެވަރަށް ވައި ނުސާފުވީ ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރެއަށް ވެސް އެ ފުސްގަނޑު ފެތުރިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން މިވަނީ ގާތްގަނޑަކަށް ތިން ކިލޯ މީޓަރަށް ދަށްވެފައި، އަދި މި ހާލަތު މެދެރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެ ކަމަށް ލަފާ ކުރެވޭ،" މެޓްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓާއެކު މެޓް އޮފީހުން ވަނީ ކުޅުދުއްފުށްޓާ ހަތް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ކޭލަކުނު، ކުޅުދުއްފުށްޓަށް މިހާރު ފެންނަ ގޮތުގެ ފޮޓޯއަކާއި މިދިޔަ ނޮވެމްބަރު މަހުގެ ފޮޓޯއެއް އާންމުކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ކުޅުދުއްފުށްޓަށް ކޭލަކުނު ސާފުކޮށް ފެންނަން އޮތް ނަމަވެސް މިހާރު ކޭލަކުނު ކުޅުދުއްފުށްޓަށް ފެންނަން އޮތީ ވަރަށް ފުސްކޮށެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް ރާއްޖޭ ސަރަހައްދަށް ވައި ނުސާފުވެ އެވެ. ވައި ނުސާފުވާން މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ އަވައްޓެރި އިންޑިއާއިން އަންނަ ދުމާއި ހިރަފުހެވެ.

ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މިނީޓަރިން ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 115 ގަ އެވެ. އެއީ ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި ދިފާއީ ނިޒާމު އެހައި ވަރުގަދަ ނޫން މީހުންގެ ސިއްހަތަށް ނުރަނގަޅު މިންގަނޑެކެވެ.

ރާއްޖެ ސަރަހައްދުގެ ވައި އާދަޔާހިލާފަށް މިދުވަސްވަރު ނުސާފުވުމުން އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކްސްގައި އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ބުނީ ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުން، މި ދުވަސްވަރު ވައި ނުސާފުވުމުން ތުއްތު ކުދިން ގެއިން ބޭރަށް ނުނެރުމަށާއި ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ގެއިން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސައިލަން އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.