6 ޖަނަވަރީ 2025 - 17:38 1
މުހައްމަދު ޝަހްޒާން
ވައިޑް ބޮޑީ މަތިންދާ ބޯޓު ގެނައުން ފާހަގަކުރި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
6 ޖަނަވަރީ 2025 - 17:38 1
މި އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން މޯލްޑިވިއަންއަށް ދެވަނަ ވައިޑްބޮޑީ މަތިންދާ ބޯޓެއް ގެނެސް ދަތުރުތައް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓެއް ގެންނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަދު ފުރަތަމަ ބޯޓު އައިކަމުގައި ވިޔަސް، މީގެ ދެވަނަ ބޯޓު މިއަހަރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެ، އެކަމުގެ ޔަގީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ގެނައި ބޯޓާއެކު ޗައިނާގެ ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި މޯލްޑިވިއަނުން ދަތުރު ކުރާ މަންޒިލްތައް އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް އުދުހެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތައް ލިބުނު އިތުރު ބާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތްމަތީގައި އަޅުގަނޑުމެން ދިވެހީންގެ އަތްމަތީގައި އަޅުގަނޑުމެންގެ އުދުހުންތައް އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން ގެނައުމަށްޓަކައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް މިކަން ވެގެން މިދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މޯލްޑިވިއަނުން މިއަދު ގެނައީ 264 މީހުންގެ ޖާގައިގެ އެއާބަސް 330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. މޯލްޑިވިއަނޔުން ބުނީ އެ ބޯޓުގެ ފުރަތަމަ ދަތުރުތައް ތާވަލު ކޮށްފައި އޮތީ ޗައިނާގެ ބެއިޖިން އާއި ޝެންހާއީ އާއި ޗެންޑޫއަށް ކަމަށެެވެ.
އެ މަތިންދާ ބޯޓުގައި ބިޒްނަސް ކްލާހާއި, ޕްރީމިއަމް އިކޮނޮމީ ކްލާހާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް ހިމެނެ އެވެ.
މޯލްޑިވިއަންއިން މި މަތިންދާ ބޯޓުތައް ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކީ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment