6 ޖަނަވަރީ 2025 - 20:00 2
މުހައްމަދު ޝަހްޒާން
މަޖިލިސް މެންބަރުން ހުވާ ކުރެއްވި ދުވަހު އަމީން މަޖިލީހަށް ވަޑައިގަންނަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
6 ޖަނަވަރީ 2025 - 20:00 2
ގައުމީ އެއާލައިން, މޯލްޑިވިއަން, އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ދަރުވައިލީ މިދިޔަ ވެރިކަމުގެ ދުވަސްވަރު ކަމަށް ވިދާޅުވެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.
މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ކުރީ ސަރުކާރުގެ ދައުރު ފެށުނުއިރު އައިލެންޑް އޭވިއޭޝަން ހިނގަމުން ދިޔައީ ރަނގަޅަށް ކަމަށާއި އެ ކުންފުނި ދިޔައީ ކުރިއަރަމުން ކަމަށެވެ.
ނަމަވެސް އެ ސަރުކާރުގެ ދުވަސްވަރު ގެންގުޅުނު ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކުންފުނި ދަރަނިވެރިވީ ކަމަށް އަމީން ތުހުމަތު ކުރެއްވި އެވެ.
"ރަނގަޅު މިސްރާބުގައި ކުރިއަރަމުން އައި އައިލެންޑް އޭވިއޭޝަން މެނޭޖު ނުކުރެވޭ ބައެއްގެ އަތްދަށަށް ދިޔުމުގެ ނަތީޖާއަކީ ކުންފުނީގެ އެސެޓުތައް ނުބެލެހެއްޓުމާއި ކުންފުނީގެ މުހިންމު ވިޔަފާރިތަކެއް ގެއްލުމާއި އަދި އޭގެ އިތުރުން އެތައް ބިލިއަން ރުފިޔާއަކުން ކުންފުނި ދަރާފައި އޮތް އޮތުން،" އަމީން ވިދާޅުވި އެވެ.
"ހަގީގަތަކީ 2023 ނިމުނުއިރު، އެންމެ ފަސް އަހަރުދުވަސް ތެރޭގައި ކުންފުނި އޮތީ ދެ ބިލިއަނަށްވުރެ ބޮޑު ދަރަނީގައި، މިއީ ހަގީގަތް،"
އެ ވާހަތަކުގެ ތަފުސީލު ދެއްވަމުން އަމީން ވިދާޅުވީ ފިފްތު ފްރީޑަމް ރައިޓްސްގެ ދަށުން 2012 އިން ފެށިގެން މޯލްޑިވިއަނުން ކުރަމުން އައި ޗެންނާއި-ޑާކާ-ޗެންނާއީ-މާލެ ދަތުރުތައް 2023 ވަނަ ނިމުނުއިރު އޮތީ ހުއްޓިފައި ކަމަށެވެ. އަދި ސީޕްލޭންގެ ވަރަށް ގިނަ ކޮންޓްރެކްޓުތައް ވެސް ގެއްލިފައި އޮތް ކަމަށާއި 2013 ގައި ފެށި ޗައިނާ ދަތުރުތައް ވެސް މިދިޔަ ވެރިކަން ނިމުނުއިރު އޮތީ އެއްކޮށް ހުއްޓިފައި ކަމަށް އަމީން ވިދާޅުވި އެވެ.
އޭގެ އިތުރުން މޯލްޑިވިއަނުން ބޭނުން ކުރަމުންދިޔަ އެއާބަސް އޭ321 މަރުކާގެ މަތިންދާ ބޯޓުގެ މަރާމާތަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކުރުމަށްފަހު އެ ބޯޓު ވެސް އޮތީ ދޫކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުން ކުރި ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓުތަކުން ވެސް ސްޕެއާ ނަގަމުން ނަގަމުން ގޮސް މި ވެރިކަން އައިއިރު އޭގެ ތެރެއިން ހަތަރު ބޯޓު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ކަންތައްތައް ހިނގާފައި އޮތް ގޮތް، ބޭނުން ކުރަމުންދިޔަ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓުތަކުގެ ތެރެއިން ސްޕެއާ ނަގަމުން ނަގަމުން ނަގަމުން ގޮސް 2023 ވަނަ އަހަރު ނިމުނުއިރުގާ ހަތަރު މަތިންދާ ބޯޓު ބޭނުން ނުކުރެވޭ ހާލަތައް އައިސް ބިންމައްޗަށް އޮތީ ދޫކޮށްލެވިފައި،" އަމީން ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު އެއްވެސް އުސޫލެއް ހަމައެއް ނެތި ގާތް މީހުންނަށް އައިލެންޑް އޭވިއޭޝަނުން ކްރެޑިޓަށް ފައިސާ ދީފައިވާ ކަމަށް ވެސް އަމީން ތުހުމަތު ކުރެއްވި އެވެ. އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނި ދަރަނިވެރިވެފައި އޮތް ނަމަވެސް، އައިލެންޑް އޭވިއޭޝަންގެ ހިދުމަތްތައް ސިންދަފާތު ކުރަން މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ނަތީޖާ ރަނގަޅުވެ އަލުން އަރަނި ކުރެވޭނެ ކަމަށެވެ.
ގައުމުތަކުގެ އެއާލައިންތައް ކުރިއަރަނީ އެ ގައުމުތަކުގެ ސަރުކާރުތަކުން ދޭ އެއްބާރުލުމާ އެކީގައިކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ދިވެހިން ވެސް އެ ވިސްނުން ގެންގުޅެންޖެހޭ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment