Advertisement

އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

6 ޖަނަވަރީ 2025 - 08:54 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އަތުހަރު: އޭނާގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ވަނީ ފޮނުވާފައި -- ފޮޓޯ: އަދަދު


އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

6 ޖަނަވަރީ 2025 - 08:54 3

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު، 2، 2024، ގައި މަރުވި އާދަމް އަތުހަރު، 32، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން މަރުވަންދެން ފުލުހުން އަމަލުކުރި ގޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގު ކުރުމަށްފަހު، އެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ ސީނިއާ މީޑިއާ އޮފިސަރު އަލީ ޒާޖިލް ޝަހީދު "އަދަދު" އަށް ވިދާޅުވީ އަތުހަރުގެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

"އެ މައްސަލައިގައި [އަތުހަރުގެ މައްސަލައިގައި] ޝާމިލުވާ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްދެއްވުމަށް އެދި ޕީޖީއޯއަށް ފޮނުވާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓު 29، 2024، ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެއީ ފުލުހުން އޭނާގެ ބޮލުގައި މުގުރުން ތެޅުމުންނެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ އޯގަސްޓު 30، 2024، ގަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ އޯގަސްޓު 31، ގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އެ ދުވަހު އެވެ.

ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ސެޕްޓެމްބަރު 1، ގަ އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2، ގައެވެ.

އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުން ތަހުގީގު ކުރި އެވެ. އަދި އޭނާގެ އަމިއްލައަށް މަރުވާން ފުރުސަތު ލިބުނު ގޮތާ ގުޅިގެން ފުލުހުންގެ އިންޓާނަލް ތަހުގީގެއް ވެސް ހިންގި އެވެ.

ނަމަވެސް މިހާތަނަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ފުލުހުންގެ އިންޓާނަލް ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުން ހާމަކުރި ގޮތުގައި އޭނާ މަރުވީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުން ލިބުނު ޒަހަމްތަކުންނެވެ. ނަމަވެސް އަތުހަރު މަރުވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް އޭނާގެ އާއިލާގެ އިތުރުން އާންމު ވެސް ދިޔައީ ބުނަމުންނެވެ.