5 ޖަނަވަރީ 2025 - 21:01 3
ލީވާން އަލީ ނާސިރު
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ކުރީ ސަރުކާރުގައި ފަށައިގެން ކުރިއަށް ގެންދިޔުން -- ފޮޓޯ؛ އެމްޓީސީސީ
5 ޖަނަވަރީ 2025 - 21:01 3
ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގައި އެމްޑީޕީ ސަރުކާރުން 2023 ގައި ސޮއި ކުރުމަށްފަހު، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރުފުޅެއަ ހެއްދެވިކަން ހާމަވެއްޖެ އެވެ.
ގުޅިއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގައި އެމްޑީޕީގެ ސަރުކާރުން ސޮއިކުރީ ދައުރުގެ ފަހުކޮޅުގައި ކަމަށްވާއިރު، އެ މަޝްރޫއު އެކަށީގެންވާ ގޮތެއްގައި ނުވެސް ފެށޭ ކަމަށެވެ.
"މިދިޔަ ސަރުކާރުގެ ދައުރުގެ ވަރަށް ފަހުވަގުތު ބިން ހިއްކުމުގެ މަޝްރޫއުގެ އެއޮތީ ސޮއި ކުރެވިފައި. އެހެންނަމަވެސް އެ މަޝްރޫއު އެކަށީގެންވާ ގޮތަކަށް ނުފެށި އޮތީ. ދެން އަޅުގަނޑުމެންނަށް ތަންފީޒުކުރަން ފުރަތަމަ ލިބުނު ބަޖެޓު އެ ސަރުކާރު ނިމިގެން ދަމުން ފާސްކުރި ބަޖެޓުގައި އެ މަޝްރޫއު ކުރިއަށް ގެންދެވޭފަދަ ޖާގައެއް ދީފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.
"ނަތީޖާއަކަށްވީ އެ މަޝްރޫއު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވޭ. ބިން ހިއްކުމުގެ މަޝްރޫއާ އެކީގައި، ބިން ހިއްކައި އެތަން ޕްރޮޓެކްޓު ކުރުން، ހިލަ ޖަހައިގެން ރައްކާތެރި ކުރުމާ އެކީގައި ކުރިއަށް ގެންދަން ޖެހޭ މުހިންމު މަޝްރޫއެއް."
ނަމަވެސް އެމްޓީސީސީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުންނާއި އެކި ނޫސްތަކުން ކޮށްފައިވާ ރިޕޯޓުތަކުން އެނގޭ ގޮތުގައި ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މާޗު، 20، 2023 ގަ އެވެ.
އެ މަޝްރޫއަށް ބޭނުންވާ ތަކެތި ގުޅިއަށް ގެންގޮސް މޮބިލައިޒް ކުރީ އެޕްރިލް، 8، 2023، ގައި ކަމަށާއި މަޝްރޫއުގެ މަސައްކަތް ފެށުނީ އެޕްރިލް 13، 2023، ގައި ކަން ވެސް އެނެގެ އެވެ. އެ މަސައްކަތް އެމްޑީޕީ ސަރުކާރުގައި އޭރު ފަށާފައި ވަނީ ގުރައިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީއާ ދިމާކޮށެވެ.
ގުރައިދޫ ކައުންސިލަރަކު "އަދަދު" އަށް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އެޕްރިލް، 13، 2023 އިން ފެށިގެން ބަރާބަރަށް ކުރިއަށްދިޔަ ކަމަށާއި އެ މަސައްކަތް ހުއްޓުނީ 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ކަމަށެވެ.
މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ ބަންޑުވޯލް ޖަހައިގެންކަން ފާހަގަކޮށް ކައުންސިލަރު ވިދާޅުވީ އޮއިވަރު ހުންނަ ގޮތުން ބަންޑުވޯލް ނުހިފަހައްޓާތީ އެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖިއޯ ބޭގްސް ގެނެސްގެން ކަމަށެވެ.
"މަސައްކަތް ހުއްޓުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުން. ބައި-އިލެކްޝަންގައި އޭރު މަސައްކަތް ފެށީ. ކޮންޓިއުނިއުކޮށް މަސައްކަތް ކުރިއަށް ގެންދިޔަ. މިކޮޅުގައި ވާ ގޮތަކީ އޮއިވަރު ހުންނަ ގޮތުން ބަންޑުވޯލް ނުއެއް ހިފަހައްޓާ. ނުހިފަހައްޓާތީ ޖިއޯ ބޭގްސް ޖަހައިގެން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށްދިޔަ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ ރަށުގެ ސައިޓުގައި ތިބި އެމްޓީސީސީގެ މުވައްޒަފުންނާއި ތަކެއްޗާ އެކު އަނބުރާ ގެންދިޔައީ މި ސަރުކާރު އައި ފަހުން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންތައް އަނބުރާ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ތަކެއްޗާ އެކު އަނބުރާ ގެނެސްފައިވާ ކަމަށެވެ.
"މި ވެރިކަމުގައި އެމްޓީސީސީ މުވައްޒަފުންތައް އަނބުރާ ގެންދިޔައީ. މީގެ ހަތަރު ދުވަހެއް ކުރިން މުވައްޒަފުންތައް އަނބުރާ ގެނައީ ރަށަށް. މިއަދު އަނެއްކާ މަސައްކަތް ފަށައިފި،" އޭނާ ވިދާޅުވި އެވެ.
ގުޅީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައި ބަންޑުވޯލް ޖަހައި ނިންމުމަށްފަހު، ފަސް އަޅައިގެން ނޫން ގޮތަކަށް ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އެ ރަށު ރައްޔިތުންނަށް ދީފަ އެވެ.
"އިރާދަކުރެއްވިއްޔާ މި ދަތުރުން އަޅުގަނޑު މި ދޭ ޔަގީންކަމަކީ މިހާރު އެމްޓީސީސީގެ ޓީމު މި ރަށަށް އައިސް އެތިބި ތިބުމަކީ އަދި އެބޭފުޅުން އެ އައި ބޭނުމަކީ އަޅުގަނޑު މިދޭ ޔަގީންކަން ދިނުން. މިހާރު އެ މަސައްކަތް ބަންޑުވޯލް ޖެހުމުގެ މަސައްކަތާ އެކީގައި ފެށިގެން އެދަނީ. ދެން ކުރީގައި ވީހެނެެއް ނުއެއްވާނެ. އެ ޔަގީންކަން އިރާދަކުރެއްވީތީ މިދެނީ. ބަންޑުވޯލް ޖަހައި ނިމި ދެން ފަސް އަޅަން ފަށައި، އިރާދަކުރެއްވިއްޔާ ފަސް އަޅައި ނިމިގެން ނޫނިއްޔާ އެ މަޝްރޫއެއް ނުހުއްޓޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް ހަގީގަތަކީ ގުޅީ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ ސަރުކާރުން ފަށައި ރިޔާސީ އިންތިހާބަށްފަހު ހުއްޓިފައި އޮތުމަށްފަހު، މި ސަރުކާރުން ވެރިކަމަށް އައިސް ހޭދަވީ ފުރަތަމަ އަހަރު ތެރޭގައި އެ މަޝްރޫއަށް ގެންދިޔަ މުވައްޒަފުން އަނބުރާ ގެންދިޔަ ކަމެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު އަލުން ފަށައި، އެމަނިކުފާނު ގުޅިއަށް ވަޑައިގަތުމުގެ ހަތަރު ދުވަހެއް ކުރިން ސާމާނާއި މުވައްޒަފުން އަނބުރާ އެ ރަށަށް ފޮނުވާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment