5 ޖަނަވަރީ 2025 - 19:53 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ހުރިހާ ހައުސިން މަޝްރޫއުތައް ހިންގަން މި މަހު ކޮންޓްރެކްޓުން ހޯދަން އިއުލާން ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް
5 ޖަނަވަރީ 2025 - 19:53 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކޮންޓްރެކްޓަރުން ހޯދުމަށް މި މަހު އިއުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ގުޅިއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާ ވިދާޅުވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވައުދުވެފައިވާ ހުރިހާ ރަށެއްގައި މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް ކުރަން ޖެހޭ އިއުލާންތައް ކުރެވިގެންދާނެ ކަމަށެވެ.
"ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ކެމްޕެއިން ތެރޭގައި މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދަން އަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އަޅުގަނޑުމެން އެބަ އިއުލާން ކުރަން މި ޖެނުއަރީ މަސް ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
"ހުރިހާ ދިމާލެއްގައި އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ރަށްތަކެއްގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، މާލެ ފިޔަވައި. މާލޭގެ މަޝްރޫއުތައް އެއީ އަޅުގަނޑު ހަމަ އިއުލާން ކޮށްފައިވާ ގޮތަށް ކުރިއަށްދާނީ. އެހެންވީމަ މި މަސް ތެރޭގައި އިއުލާން ކުރެވިގެންދާނެ ކޮންޓްރެކްޓަރުން ހޯދަން މަސައްކަތް ކުރަން."
މަޝްރޫއުތައް ހަވާލު ކުރަމުންދާނީ ތަރުތީބެއްގެ ތެރެއިންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ވެގެންދާނީ އެއް އަހަރު ތެރޭގައި ގެދޮރުވެރިކަމުގެ އެންމެ ގިނަ މަޝްރޫއު ހިނގާ އަހަރަށް ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ބިންހިއްކާ ޖާގަ އިތުރު ކުރެވިފައި ހުރި ރަށްރަށުގައި ވެސް ކުރިއަށް އޮތް އަހަރު ބޯހިޔާވެހިކަމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ވެގެންދާނީ ގެދޮރުގެ މައްސަލަ ހައްލު ކުރުމުގައި އަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް. ހަމައެއާ އެކީގައި ބިންހިއްކާ ޖާގަ އިތުރު ކުރެވިފައި ހުރި ރަށްރަށުގައި ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގައި އެ މަސައްކަތް ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަން ހިއްކާ ރަސްމާލެ މަޝްރޫއު ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މޮބިލައިޒް ކުރުމަށްފަހު އެއްފަހަރާ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އެއްފަހަރާ ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ސަބަބުން މުޅި މަޝްރޫއުގެ ސްޕީޑު ދެތިން ގުނަ އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Comment