5 ޖަނަވަރީ 2025 - 09:08 0
އަހުމަދު އާއިދު
ފޮރިން މިނިސްޓަރު ހަލީލު: އިންޑިއާ ދަތުރަށްފަހު މާލެ ނައިސް ހަލީލު ވަނީ ޔޫއޭއީއަށް ފުރާވަޑައިގެންފަ --- ފޮޓޯ: ރައީސް އޮފީސް
5 ޖަނަވަރީ 2025 - 09:08 0
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ހަލީލު ޔޫއޭއީއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކަމަށެވެ.
މި ދަތުރުގައި ހަލީލު، ޒައިދު އަލް ނަހްޔާން އާ ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށްވެ އެވެ. އަދި އެކުގައި މަސައްކަތް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެ އެވެ.
ޔޫއޭއީ ދަތުރުގައި ހަލީލު އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
"މި ދަތުރުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްގީއަށް ޓަކައި ޔޫއޭއީ އިން ވެދޭ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ހަލީލު ނިންމަވާލެއްވި ރަސްމީ ދަތުރުގައި އިންޑިއާގައި ހޭދަކުރެއްވީ ތިން ދުވަހެވެ. އިންޑިއާ ދަތުރުގެ ތެރެއިން ހަލީލު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތަކެއް ވެސް ބާއްވާފައިވެ އެވެ. އަދި، އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޕްރޮޖެކްޓުތަކެއް ހިންގަން އެމްއޯޔޫއެއްގައިވެސް އެ ގައުމާއެކު ސޮއިކުރެއްވި އެވެ.
މި ދެ ދަތުރުގައި މިނިސްޓަރު ހަލީލުގެ އަރިހުގައި އެމްބެސެޑާ އެޓް ލާޖު އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment