Advertisement

މާލޭގައި ފެންބޮޑުވުން: ދިރި ނޫޅެވޭވަރުވި 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

4 ޖަނަވަރީ 2025 - 05:37 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގެ ގެއެއްގައި ވެލި ބަސްތާޖެހުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އަދަދު


މާލޭގައި ފެންބޮޑުވުން: ދިރި ނޫޅެވޭވަރުވި 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

4 ޖަނަވަރީ 2025 - 05:37 1

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން ވެހެމުން ދިޔަ ވާރޭގައި މުޅި މާލެ ފެނުއަޑިޔަށް ގޮސް، ގިނަ ގެތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވެ އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި، އޭގެތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

އިއްޔެ މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތައް ފެންބޮޑުވެ، އަދި ބައެއް ރަށްތަކަށް އުދަ އަރައިގެން ވެސް ގެއްލުންތައް ލިބިފައިވެ އެވެ.

އުދަ އަރައިގެން ގެއްލުން ލިބުނީ ރ. އިނގުރައިދޫ އަދި ށ. މަރޮށްޓަށް ކަމަށް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުންޏެވެ.

ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ އިތުރުން އަށް ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އެއީ،

  • ފ. ނިލަންދޫ: ރަށުގެ 80 ޕަސެންޓު ފެނު އަޑީގައި
  • ކ. ހިންމަފުށި: ރަށުގެ 60 ޕަސެންޓު ފެނު އަޑީގައި
  • ކ. ގުރައިދޫ: 60 ގެއަކަށް އެކިވަރުގެ ގެއްލުންތައް
  • ދ. ކުޑަހުވަދޫ: 10 ގެއަކަށް ގެއްލުންވި
  • ދ. މީދޫ: 10 ގެއަކަށް ގެއްލުންވި
  • ފ. މަގޫދޫ: 9 ގެއަކަށް ގެއްލުން ލިބުނު، 1 ގެއިން މީހުން ހުސްކުރި
  • ފ. ފީއަލި: 1 ގެއިން މީހުން ހުސްކުރި
  • އދ. މާމިގިލި: 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް

އިއްޔެ ވިއްސާރައިގައި ކ. ހިންމަފުށިން ކަރަންޓުވެސް ކެނޑުނެވެ.

މާލޭގައި ބޮޑުވެފައި އޮތް ފެންގަނޑު ހިންދުމަށް ސިފައިން ނުކުމެ މަސައްކަތް ކުރި ނަމަވެސް، ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ފެންގަނޑު ތިރިނުވެ އެތައް ގަޑިއިރެއް ވެގެން ދިޔުމުން، މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނުގައި އޮތް ފެންގަނޑު ރަސްފަންނާ ދިމާއިން ބޭރު ކޮށްލަން އާންމުން ނުކުމެ ކޯރެއް ކަނޑައިލި އެވެ.

މާލޭގައި ބޮޑުވި ފެންގަނޑު ހިންދައި ދަތުރުފަތުރު ކުރެވޭ ވަރުވީ ދަންވަރު އެވެ.