3 ޖަނަވަރީ 2025 - 14:49 0
މިނިސްޓަރު ހަލީލު: ވިދާޅުވީ އިންޑިއާއާއެކު ގާތުން މަސައްކަތް ކުރަން ރައީސް މުއިއްޒު ތައްޔާރަށް ހުންނެވި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
3 ޖަނަވަރީ 2025 - 14:49 0
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ވެރި ރަށް ނިއު ދިއްލީގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އެ މަޝްވަރާތަކުގައި އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރެވެ. ރާއްޖޭގެ ފަރާތުން މަޝްވަރާތައް ލީޑު ކުރެއްވީ މިނިސްޓަރު ހަލީލެވެ.
މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމާ ސެޕްޓެމްބަރު 30، 2024، ގައި ހަވާލުވެވަޑައިގެން ފަހުން ހަލީލު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ރަނގަޅު މިސާލަށް. އިންޑިއާއިން އަބަދުވެސް ވާނީ ރާއްޖެއާއެކު ގުޅިގެން މަސައްކަތްކޮށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދީފަ،" ޖައިޝަންކަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ހަލީލު ވެސް ވަނީ ދެ ގައުމުގެ ދެމެދުގެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވައިފަ އެވެ. އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަަށް ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާއާއެކު ގާތުން މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށް،" ހަލީލު ވިދާޅުވި އެވެ.
ޗައިނާއާ ގާތް ގުޅުމެއް އޮންނަ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން އިންޑިއާއާއެކު ބާއްވަމުންދިޔަ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ކުރިއަށް ގެންދެވި ކެމްޕެއިނަކަށްފަހެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރުގެ ތެރެއިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ރާއްޖެއިން ސޮއި ކުރި އެވެ. އަދި އެ ދަތުރު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ރައީސް ދެއްވި އެވެ.
އޭގެ ފަހުން ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ދިވެހި ސަރުކާރުން އަނެއްކާ ވެސް އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ފެށި އެވެ. އަދި އޮކްޓޯބަރު 7، 2024، ގައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން އެ ގައުމާއެކު ވެސް އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވި އެވެ.
Comment