3 ޖަނަވަރީ 2025 - 06:36 0
3 ޖަނަވަރީ 2025 - 06:36 0
ލަންޑަން (ޖެނުއަރީ 3) - މެންޗެސްޓާ ޔުނައިޓެޑް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑަށް ބޮޑު މުސާރަ ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުން ލިބިފައިވާ އޮފާތަކާ މެދު އެއްވެސް ވަރަކަށް ވިސްނަން ބޭނުންނުވާ ކަމަށް ހާމަކޮށްފި އެވެ.
ޖެހިޖެހިގެން ހަތަރު މެޗު ޔުނައިޓެޑްގެ ސްކޮޑުން ވެސް ފުރުސަތު ނުލިބުުނު ރެޝްފޯޑް އެންމެ ފަހުން، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އިނީ ބެންޗުގަ އެވެ.
މީގެ ކުރިން، ޓީމުގެ ސްކޮޑުން ފުރުސަތު ނުލިބޭތީ ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ވަނީ، އަމިއްލަ ވިސްނުމުގައި ދެކޭގޮތުގައި، މިއީ އާ ޗެލެންޖެއް ނަގަންވީ ވަގުތު ކަމަށް ބުނެފަ އެވެ. އެކަމަކު، ޔުނައިޓެޑް ދޫކޮށްލާނީ ރީތި ގޮތުގައި ކަމަށާއި ޕްރެޝަރުތަކެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޔުނައިޓެޑަށް މި މަހުގެ ޓްރާންސްފާ މާކެޓްގައި ހަރަދު ކުރެވެން އޮތީ ކުޅުންތެރިން ވިއްކައިގެން ކަމަސް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ތައްޔާރުވަނީ 50 މިލިއަން ޑޮލަރަށެވެ. އެ އަގު ދޭން މި ވަގުތު ވެސް ސައުދީ އަަރަބިއްޔާ އާއި ޔޫރަޕްގެ ގިނަ ކްލަބްތަކުން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ތެރެއިން ސައުދީގެ ކްލަބްތަކުން ރެޝްފޯޑަށް ހުށަހަޅާފައިވަނީ، މި ވަގުތު ޔުނައިޓެޑުން ލިބެމުން އަންނަ މުސާރައިގެ ދެ ގުނަ އަދަދެކެވެ. އެ ގޮތުން، އަހަރަކު، 40 މިލިއަން ޑޮލަރު ލިބޭ އޮފާއެއް ވެސް ރެޝްފޯޑަށް ސައުދީން ވަނީ ލިބިފަ އެވެ. އެކަމަކު، އޭގެއިން އެއްވެސް އޮފާއެއްގެ ބޭނުން ހިފަން މި ވަގުތު ރެޝްފޯޑް ބޭނުމެއް ނުވެ އެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.
ރެޝްފޯޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްގެ ޝައުގުވެރިކަން އެބަހުރި ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ.
Comment