2 ޖަނަވަރީ 2025 - 17:04 0
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓުން މާދަމާ ފުރާ މީހުން ތިން ގަޑިއިރު ކުރިން އައުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
2 ޖަނަވަރީ 2025 - 17:04 0
އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ދިޔަ ގިނަ ބަޔަކު އެނބުރި އަންނާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މާދަމާ އާދަޔާ ހިލާފާށް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް ދަތުރުވެރިންނަށް އަންގައިފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އުމުރާވެރިން އަންނާތީ ސިނަމާލެ ބުރިޖު ހިމެނޭހެން އެއާޕޯޓަށް ދާން އޮންނަ މަގުތަކުގެ ޓްރެފިކް ބާރުބޮޑުވެ ޓާމިނަލް ތޮއްޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މާދަމާ ފުރާ ހުރިހާ މީހުން އެ މީހެއްގެ ފުލައިޓު ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން، މާދަމާ އެންމެ ގިނަ ބަޔަކު އެއާޕޯޓަށް ދާނެ ކަމަށް ބެލެވޭ ޕީކު ގަޑިތަކުގައި މީހުން އެއާޕޯޓަށް ގެންދިއުމަށާއި އަނބުރާ ގެއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލްއިން ވަނީ ޓެކްސީ ސެންޓަރުތަކުގައި ވެސް އެދިފަ އެވެ.
ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން 6،373 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ ސައުދީގަ އެވެ.
ޑިސެމްބަރު މަހު އުމްރާގެ އަޅުކަމަށް އެންމެ ގިނައިން މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އެގޮތުން އެ ގްރޫޕުން ވަނީ 830 އަށްވުރެ ގިނަ މީހުން ގެންގޮސްފަ އެވެ.
އުމްރާގެ އަޅުކަން އަދާ ކުރުމަށް އާންމު ގޮތެއްގައި ޑިސެމްބަރު މަހު ރާއްޖެއިން ގިނަ ބަޔަކު މައްކާއަށް ދެ އެވެ. މިފަހަރު ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު ވެސް އުމްރާގެ އަޅުކަން އަދާ ކުރުމަށް ރަށްރަށުން މީހުން ފޮނުވާފައިވެ އެވެ.
Comment