Advertisement

ނަތީޖާ ދަށްވުމުން ރޫނީ ޕްލައިމައުތު ކޯޗުކަމުން ވަކިވެއްޖެ

1 ޖަނަވަރީ 2025 - 15:11 0


ނަތީޖާ ދަށްވުމުން ރޫނީ ޕްލައިމައުތު ކޯޗުކަމުން ވަކިވެއްޖެ

1 ޖަނަވަރީ 2025 - 15:11 0

ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބް ޕްލައިމައުތު އާގައިލާ ހަވާލުވެ، މި ސީޒަނުގައި ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ ކޯޗު ވޭން ރޫނީ މަގާމުން ވަކިވެއްޖެ އެވެ.

ކުރިން އިންގްލަންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ރޫނީ، 39، މި އަހަރު މެއި މަހު ޕްލައިމައުތުއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް އެ ޓީމާ ހަވާލުވި އެވެ. އެ އަށް ފްލައިމައުތު ގޮވައިގެން ރޫނީ އަށް، މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކާމިޔާބު ކުރެވުނީ އެންމެ ހަތަރު މެޗެވެ. އަދި 13 މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ ފުލުގަ އެވެ.

ޕްލައިމައުތުން މިދިޔަ އާދީއްތަ ދުވަހު އޮކްސްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ޕްލައިމައުތު ސަޕޯޓަރުން ވަނީ ފާޅުގައި ކުޅުންތެރިންނާއި ރޫނީ އަށް ފާޑުކިޔައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ރޫނީ ވަނީ ސަޕޯޓަރުންގެ ފާޑުކިޔުމަށް އޭނާގެ ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޕްލައިމައުތު ރަނގަޅު ކުރަން ގިނަ ކަންކަން ހުރި ކަމަށް ވެސް ރޫނީ ވަނީ ބުނެފަ އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލި ރޫނީ އަށް ކޯޗިން ކެރިއަރުގައި ދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2020 އިން 2022 އަށް ޑާބީ ކައުންޓީގައި މަސައްކަތްކުރިއިރު، އެ ކްލަބްގެ އެޑްމިނިސްޓްރޭޝަނުގައި ހުރި މައްސަލަތަކާ ހެދި ރޫނީ އަށް ގިނަ ގޮންޖެހުންތަކެއް ދިމާވި އެވެ. އޭގެ ފަހުން، އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑްގައި ރޫނީ ވަނީ 2022 އިން 2023 އަށް މަސައްކަތްކޮށްފަ އެވެ. ނަތީޖާ ނުނެރެވޭތީ ޑީސީން ރޫނީ ދޫކޮށްލީ އެވެ.

އޭގެ ފަހުން، މިދިޔަ އަހަރު ބާމިންހަމް ސިޓީގެ ކޯޗަކަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ހަމަޖެއްސި ރޫނީ އެ ޓީމުން ވަކިކުރީ 83 ދުވަސް ތެރޭގަ އެވެ. ރޫނީ ހަވާލުވި ފަހުން ބާމިންހަމުން 15 މެޗު ކުޅެފައިވާއިރު, ނުވަ މެޗުން ބަލިވި އެވެ. އަދި ރޫނީ ބާމިންހަމާ ހަވާލުވިއިރު, އެ ޓީމު އޮތީ ޗެމްޕިއަންޝިޕްގެ ޓޭބަލްގެ ހަ ވަނައިގަ އެވެ. އެކަމަކު، ރޫނީގެ ކޯޗުކަމުގެ ދަށުން ކުޅުނު މެޗުތަކުގެ ތެރެއިން ނުވަ މެޗުން ބަލިވެ އެ ޓީމު ވަނީ ޕޮއިންޓް ޓޭބަލްގެ 20 ވަނަ އަށް "ސޮއްސާލައިފަ" އެވެ.