26 އޮގަސްޓު 2025 - 08:45 0
26 އޮގަސްޓު 2025 - 08:45 0
މެންޗެސްޓާ (އޮގަސްޓް 26) - އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި، 200 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކޮށް، މެންޗެސްޓާ ޔުނައިޓެޑަށް މެޗުތަކުގައި ނަތީޖާ ނުނެރެވުމުގައި ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ބުނެފި އެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، އަމޮރިމް އެ ޓީމާ އެކު، މިދިޔަ ސީޒަން ނިންމާލީ ލީގުގެ 15 ވަނައިގައި އޮވެ އެވެ.
މި ސީޒަން ފަށައިގެން ފުރަތަމަ ކުޅުނު ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އަދި މޮޅެއް ނުލިބޭއިރު، އެ ޓީމު އޮތީ ލީގުގެ 16 ވަނައިގަ އެވެ. ކުރިން ޔުނައިޓެޑަށް ކުޅުނު ރޫނީ ބުނީ، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ޓީމަށް ވެސް މެނޭޖަރަށް (އަމޮރިމް އަށް) ވެސް މިހާރު ދެއްކޭނެ ބަހަނާއެއް ނެތް. ވަރަށް އަވަހަށް މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެން އެބަޖެހޭ. އެކަން އަވަހަށް ކުރުން ނޫން ގޮތެއް ނެތް. މިހާރު މިދާ ގޮތަށް ގޮސް، އޮކްޓޫބަރު ނޫނީ ނޮވެމްބަރު ފަށާއިރު ހާލަތު ރަނގަޅުނުވެއްޖެނަަމަ، ދެން މީގެ ޕްރެޝަރު ބޮޑުވާނެ. ސީޒަނުގެ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ލިބެން އޮތްއިރު، އެއް ޕޮއިންޓުގައި އޮތީމަ ކަންބޮޑުވާން ޖެހޭ،" ބީބީސީ ޕޮޑްކާސްޓް، ދި ވޭން ރޫނީ ޝޯގައި، ވާހަކަ ދައްކަމުން ރޫނީ ބުންޏެވެ.
ރޫނީ ބުނީ އަމޮރިމްއާ މެދު އިތުބާރު އެބައޮތް ކަމަށާއި އެކަމަކު އެއީ 100 ޕަސެންޓޭ ބުނަން އުނދަގޫ ކަމަށެެވެ. އަދި، އަމޮރިމް އަށް ވެސް މި ވަގުތު އެ ކްލަބްގެ ނަތިޖާތައް ހުރި ގޮތުން، އެ ޓީމުގައި ދިގު މުއްދަތަކަށް ދެމި ހުރެވޭނެކަމަށް ޔަގީންކަމާ އެކު ނުބުނެވޭނެ ކަމަށް ރޫނީ ވަނީ ބުނެފަ އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަކުރަން ޔުނައިޓެޑުން ކުރި ޓްރާންސްފާތައް ރަނގަޅުކަން ފާހަަގަކޮށް، ރޫނީ ބުނީ އަދިވެސް އެ ޓީމަށް ދޭއް ނޫނީ ތިން ކުޅުންތެރިން ބޭނުންވާ ކަމަށެވެ.
ޔުނައިޓެޑުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، ލީގު ކަޕްގައި މާދަމާރޭ ކުޅޭނީ ގްރިމްސްބީ ޓައުންއާ އެވެ.
Comment