about 6 hours 0
about 6 hours 0
މެންޗެސްޓާ (ނޮވެމްބަރު 15) - މެންޗެސްޓާ ޔުނައިޓެޑުން ހަރަދުކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެެރެއިން، އެ ކްލަބްގެ ލެޖެންޑަރީ ފޯވާޑް، ވޭން ރޫނީ އަށް ދޭން ނިންމާފައިވާ އެމްބަސަޑަރު ރޯލް ނުދޭން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަތް، އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން ޓީމުގެ ކަންކަމުގައި ބަސް ބުނުމުގެ ބާރާއި ކޮންޓްރޯލް ލިބޭ ގޮތަށް ހެދި ޑީލާ އެކު، ހަރަދުކުޑަކުރުމުގެ އޮނިގަނޑެއް ހަދަން ފެށި އެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ އެ ކްލަބް ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތަކަށް އަލިއަޅުވާލައި، ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
ޔުނައިޓެޑުން ހަރަދުުކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މި ސީޒަން ނިމުމުން، އެ ޓީމުގެ ލެޖެންޑަރީ ކޯޗު އަލެކްސް ފާގަސަންގެ އެމްބަސަޑަރު ރޯލު އުވާލަން ވެސް ވަނީ ނިންމައިފަ އެވެ. ރޫނީ އަށް ދޭން ނިންމި އެމްބަސަޑަރު ރޯލް ނުދޭން ނިންމީ، ހަރަދުކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެވަޓަން ދޫކޮށް 2004 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ރޫނީ ވަނީ އެ ކްލަބަށް 2017 ވަނަ އަހަރާ ހަމައަށް ކުޅެފަ އެވެ.
މި ވަގުތު، ޕްލައިމައުތު އާގައިލްގެ ކޯޗަކަށް ހުރި، ރޫނީ އަށް ދޭން ނިންމި އެމްބަސަޑަރު ރޯލްްގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު، ކްލަބްގެ ބްރޭންޑް ވަރުގަދަކުރަން ޓުއާ ދަތުރުތަކުގައި ބައިވެރިވެ އިވެންޓްތައް ކުރިއަށްގެންދިއުމުން ފައިސާ ލިބޭ ގޮތަށް ހިމަނާފައިވެ އެވެ.
އެކަމަކު، ޔުނައިޓެޑުން އެކި ކަންކަމަށް ކުރަން ޖެހިފައިވާ ހަރަދުތަކާ ހެދި، އެމްބަސަޑަރު ރޯލް ފަދަ ކަންކަމަށް އިތުރު ހަރަދުނުކުރަން ނިންމީ އެވެ.
ދާދި ފަހުން ޔުނައިޓެޑުން އެ ޓީމުގެ ކޯޗުކަމުން ވަކިކުރި އެރިކް ޓެން ހާގަށް އެ ނިންމުމުގެ ބަދަލެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެއީ، ޓެން ހާގާއި އޭނާގެ ސްޓާފުންނަށް އެކުގައި ދައްކަން ޖެހޭ ފީ އެވެ. އަދި ޔުނައިޓެޑުން ގެންނަ ކޯޗު، ސްޕޯޓިންގެ ރުބެން އަމޮރިމް ގެންނަން، ޔުނައިޓެޑުން ކުރި ހަރަދުގެ ޖުމްލަ ވެސް 20 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
Comment