ކުށްކޮށްގެން ހޯދާ ފައިސާގެ އަސްލު އޮޅުވައިލުމަށްޓަކައި އުފައްދައި ހިންގާ ކަމަށް ތުހުމަތުކުރާ ވިޔަފާރިތަކުގެ ލިސްޓެއް އެކުލަވާލައި، ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ވިޔަފާރިތަކާ މުއާމަލާތެއް ނުކުރަން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކަށް އިއްޔެ ފޮނުވި ސިޓީއާއެކު، 30 ވިޔަފާރިއެއްގެ ނަން ހިމެނޭ ލިސްޓެއް ފޮނުވާފައިވެ އެވެ.
އެ ސިޓީ އާއި ހޯމްލޭންޑް ސެކިއުރިޓީމް އެކުލަވާލާފައިވާ "ޕޭޕާ ކުންފުނިތަކުގެ" ލިސްޓު އަދަދު ނޫހަށް ލިބިފައިވެ އެވެ.
ޕީސީބީގެ ސިޓީގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުށުގެ ވެށީގައި އެކި ނަންނަމުގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ، ލޯންޑަކޮށް އެ ފައިސާ ދައުރުކުރުމަށްޓަކައި ޕޭޕާ ކުންފުނިތަކެއް ހަދައިގެން މުއާމަލާތުކުރާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީން އަންގާފައިވާ ކަމަށެވެ.
"[އެފަދަ] ކުންފުނިތަކާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުއާމަލާތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެެވެ. މިކަމަކީ ގޭންގުތަަކަށް ދައުލަތުގެ ތެރެއިން ފައިސާ ލިބި އެ ގޭންގުތަކަށް އިތުރު ބާރުވެރިކަން ލިބުމަށް މަގުފަހިވެގެންދާ ކަމެކެވެ،" ސިޓީގައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން، އެ ފަދަ ޕޭޕާ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިޔުމަކީ އެ ކުންފުނިތަކުން ކުރަމުންގެންދާ މުއާމަލާތްތައް ސައްހަ ކަމަށް ފެންނާނެ ކަމެއް ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
އެހެންވެ، އެފަދަ ކުންފުނިތަކާއެކު ކުރިއަށް އޮތްތަނުގައި މުއާމަލާތް ކުރާ ސަރުކާރުގެ ކުންފުނިތާމެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓަރީން އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ ބައެއް ވިޔަފާރިތައް ހުރީ އުވާލުމުގެ މަރުހަލާގަ އެވެ.
މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ބޮޑެތި ކުށްތަކަށް އަރައިގަނެ، އިންތިޒާމު ވެގެން ކުށްކުރަމުންދާ މައްސަލަތައް ގިނަވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެފަދަ ބައެއް ގޭންގުތަކާއި، ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ވިޔަފާރުތައް އާދައިގެން ފިހާރައިން ފެށިގެން، ގެސްޓުހައުސް، އަދި ސަފާރީއާ ހަމައަށް ފުޅާވެފައިވާ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
"މިފަދަ ބައެއް ފަރާތްތަކުން އެތައް މިލިއަން ރުފިޔާއެއް ދައުރުކޮށްފައި އެބަ ހުރި،" ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.
ގޭންގު ކުށްތަކަށް ދާއިމީ ނިމުން ގެނައުމަށް ގާނޫނުތައް އިސްލާހުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ ނޮވެމްބަރު މަހު ދެއްވާފައިވެ އެވެ.
ހިޔާ 9 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުނު ދިވެއްސަކު ސަލާމަތްކޮށް، 12 މީހަކު ހައްޔަރުކުރުމަށް ފަހު، އިހުސާން ވިދާޅުވީ ކުށްކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ގޭންގު ހަަދައިގެން އެކިއެކި ކުށްތައް ކުރުން ހުއްޓުވުމަށް ހާއްސަ ބިލެއް ސަރުކާރުން އޮތީ ޑްރާފްޓުކޮށްފަ އެވެ. އެ ބިލުގައި ގޭންގުތަކުން ކޮންޓްރޯލް ކުރާ ނުވަތަ އެމީހުން އާންމުކޮށް އެކަކު އަނެކަކާ ބައްދަލުކޮށް ހަދާ ތަންތަނަށް ކޯޓު އަމުރަކާ ނުލައި ވަދެ އެތަންތަނަށް އެއްވެސް މީހަކަށް ވަދެ ނުނިކުމޭ ގޮތަށް ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.
ހަމަ އެހެންމެ، ގޭންގުތަކުން ގޭންގު އަމަލުތައް ހިންގުމަށް ބޭނުން ކުރާ ދުއްވާ އުޅަނދުފަހަރު ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ތިން މަސްދުވަހަށް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ. އެ ބިލު ގާނޫނަކަށް ވުމަށް ފަހު ގޭންގަކަށް ނިސްބަތްވާ މީހެއް ކަމުގައި ކަނޑައަޅާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި ނަމަ އެ މީހެއްގެ ނަން މަތީގައި ހުރި ވިޔަފާރިތަކާއި ބޭންކު އެކައުންޓުތައް ތަހުގީގު ނިމެންދެން ހިފެހެއްޓުމުގެ ބާރު ވެސް ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.
ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އިންތިހާބީ މަގާމުތަކުގައި ތިބި ގޭންގު މީހުންގެ މަގާމު ގެއްލޭ ކަމަށް ވެސް ބިލްގައިވެ އެވެ.
Comment