Advertisement

ސީރިއާގެ ވެރިކަމަށް އައި އެޗްޓީއެސް އުނިނުކޮށް ރާއްޖެއިން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި

31 ޑިސެންބަރު 2024 - 16:51 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެޗްޓީއެސްގެ ލީޑަރު އަދި ސީރިއާގެ ވަގުތީ ވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ އަބޫ މުހައްމަދު އަލް ޖޯލާނީ --- ފޮޓޯ: ސީއެންއެން


ސީރިއާގެ ވެރިކަމަށް އައި އެޗްޓީއެސް އުނިނުކޮށް ރާއްޖެއިން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި

31 ޑިސެންބަރު 2024 - 16:51 1

މި މަހުގެ ކުރީކޮޅު ސީރިއާގެ ދުވަސްވީ ވެރިކަން ވައްޓާލައި ސަރުކާރާ ހަވާލުވި ހަނގުރާމަވެރި ޖަމާއަތް ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ރާއްޖެއިން ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު މިއަދު އަނެއްކާ އާންމުކޮށްފި އެވެ.

އެ ގައުމުގައި 24 އަހަރު ވެރިކަން ކުރެއްވި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ކުރި ދާހިލީ ހަނގުރާމައަށްފަހު އެވެ. މި ހަނގުރާމާގައި އެޗްޓީއެސް އާއި އެ ސީރިއާގައި ހަރަކާތްތެރިވާ އެހެން ހަނގުރާމަވެރި ޖަމިއްޔާތަކުން ވެސް ބައިވެރިވި އެވެ.

އެޗްޓީއެސް އަކީ މެދުއިރުމަތީގައި 2000 ގެ ކުރީކޮޅު އުފަންވެ ފެތުރު އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ތެރެއިން އުފެދުނު ޖަމާއަތެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މި ޖަމާއަތުގައި ދިވެހިން ވެސް ހަރަކާތްތެރިވެ އެވެ. އަސަދުގެ ވެރިކަން ވައްޓާލަން ހިންގި އޮޕަރޭޝަނުގައި ދިވެހިން ބައިވެރިކަން މި ނޫހުން ވާނީ ރިޕޯޓުކޮށްފަ އެވެ.

މިއަދު އާންމުކުރި ލިސްޓުގައި އެޗްޓީއެސްގެ އިތުރުން، ދިވެހިން ހަރަކާތްތެރިވާ ކަމަށްބުނާ ޖަބްހަތު އަލް-ނުސްރާ ވެސް އެބައޮތެވެ. މީގެއިތުރުންވެސް ޖުމްލަ 20 ޖަމާއަތެއް ލިސްޓުކުރެވިފައިވާއިރު ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި މުޅި ސީރިއާ ވަނީ ކަނޑައަޅާފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން މިގޮތަށް ކަނޑައަޅާ ސަރަހައްދަކަށް ދަތުރުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.

ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ތަންތަނުގެ ލިސްޓަކީ ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރުން ގާނޫނު ލާޒިމުކުރާ ލިސްޓެކެވެ. މި އަހަރުގެ ލިސްޓުގައި މިދިޔަ އަހަރުގެ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ގައުމީ ސަލާމަތީ މަޖިލީހުން މަޝްވަރާ ލިބުމުން ކަމަށް ގެޒެޓުކުރި ލިޔުމުގައި ބުނެފައިވެ އެވެ.

އަހަރުގެ ފަހު ދުވަހު މި ލިސްޓު އާންމުކުރި އިރު، މިކަން ލަސްވި ސަބަބު ހޯދުމަށް މީގެ ކުރިން މި ނޫހުން ވާނީ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.