Advertisement

މިދިޔަ އަހަރު ސިއްސުވާލި ކަންކަމާއި ހާދިސާތައް

1 ޖަނަވަރީ 2025 - 16:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

2025 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ޝޯގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ


މިދިޔަ އަހަރު ސިއްސުވާލި ކަންކަމާއި ހާދިސާތައް

1 ޖަނަވަރީ 2025 - 16:48 0

މިދިޔަ އަހަރަކީ ރާއްޖޭގައި ގިނަ ކަންކަން އެއްފަހަރާ ކަހަލަ ގޮތަކަށް ހިނގި އަހަރެކެވެ. އަހަރު ތެރޭގައި ސިއްސުވާލި އެތައް ހާދިސާތަކާއި ހިތާމަވެރި އެތައް ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ.

މިދިޔަ އަހަރު ހިނގި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން މެދުގައި ނުތަނަވަސްކަން އުފެދުނު އެތައް ކަމެއް ހިމެނެ އެވެ. އަދި ސަރުކާރުގެ އެކި ނިންމުންތަކާއި ގުޅިގެން ވެސް ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑު އެތައް ކަމެއް ވެސް ހިނގާފައިވެ އެވެ.

ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑުކުރުން

މިދިޔަ އޮގަސްޓް 25، ގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރުން ވެގެންދިޔައީ މުޅި ގައުމަށް ވެސް ލިބުނު ބޮޑު ޝޮކަކަށެވެ.

ބީއެމްއެލްއިން އޭރު ބުނީ އެ ބަދަލުތައް ގެނައީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.

"މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް," ބީއެމްއެލްގެ ކުރީގެ ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމަކް އޭރު ވިދާޅުވި އެވެ.

ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓު ދަށްކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އޭރު ހުރީ 18.50 ގަ އެވެ.

ކާޑު ލިމިޓުތަކަށް އޭރު ގެނައި ބަދަލުތައް:

  • ރުފިޔާ ޑެބިޓު ކާޑު: 250 ޑޮލަރުގެ ލިމިޓު އުނިކުރުން.
  • ކްލެސިކް އެންޑު ގޯލްޑް ކްރެޑިޓު ކާޑު: 750 ޑޮލަރުގެ ލިމިޓު 100 ޑޮލަރަށް.
  • ވިސާ ޕްލެޓިނަމް އަދި މާސްޓަކާޑު ޕްލެޓިނަމް: 1500 ޑޮލަރުގެ ލިމިޓު 500 ޑޮލަރަށް.
  • ވިސާ ސިގްނޭޗާ، މާސްޓަކާޑު ވޯލްޑު، އަދި އެމެކްސް ޕްލެޓިނަމް: 3،000 ޑޮލަރުގެ ލިމިޓު 1،000 ޑޮލަރަށް.
  • ކޯޕަރޭޓު ކްރެޑިޓު ކާޑު: 750 ޑޮލަރުގެ ލިމިޓު 100 ޑޮލަރަށް.
  • ބިޒްނަސް ޑެބިޓު ކާޑު: 250 ޑޮލަރުގެ ލިމިޓު އުނިކުރުން.
  • ޕާސްޕޯޓު ކާޑު: 250 ޑޮލަރުގެ ލިމިޓު އުނިކުރުން.
  • ބޭރުގައި ދިރިއުޅޭ ދިވެހިންގެ ކާޑު: 750 ޑޮލަރުގެ ލިމިޓު އުނިކުރުން.

ބީއެމްއެލްގެ އެ ކުއްލި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ސަރުކާރާއި އެ ބޭންކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެ އެވެ. އެ ފާޑުކިޔުންތައް އަމާޒުކުރީ އެ ނިންމުމަކީ އާންމު ރައްޔިތު މީހާއާ ވެސް ގުޅިފައި އޮތް ނިންމުމަކަށްވާތީ އެވެ.

ގިނަ ދިވެހިންނަކީ މިއަދު ރުފިޔާ ކާޑުން ކެޑޭ ޑޮލަރު ކޮޅަށް ވެސް ބަރޯސާވެގެން ތިބޭ ބަޔަކެވެ. އެމީހުންގެ ނެޓްފްލިކްސް އެކައުންޓުތަކާއި އޮންލައިންކޮށް ބޭރުން ކުދި ވިޔަފާރިތައް ވެސް ކުރަނީ އެ ލިމިޓަށް ބަރޯސާވެގެންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ސަރުކާރަށް އަމާޒުވި ޕްރެޝަރު ބޮޑުވެ ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލްއިން ގެނައި ބަދަލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން ވަނީ ބަދަލުކޮށްފަ އެވެ. ބީއެމްއެލްގެ ނިންމުން ބަދަލުކުރުވަން އެމްއެމްއޭއަށް އެންގީ ސީދާ ސަރުކާރުންނެވެ.

"25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ." ބީއެމްއެލްގެ ނިންމުން ބަދަލުކޮށް އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ބެންކުގެ އެ ނިންމުމާ ގުޅިގެން ސަރުކާރުގެ އެކްޓިވިސްޓުން އެ ނިންމުން ދިފާއުކޮށް ވާހަކަ ދެއްކި ނަމަވެސް، ފަހުން ރާގު ބަދަލުވެ ބެންކުން އެކަން ކުރީ ސަރުކާރުގެ ހުއްދަ ނުހޯދައި ކަމަށް ބުނަން ފެށި އެވެ. އަދި ސަރުކާރުން ވެސް އާހިރުގައި ހަމަ އެގޮތަށް ވާހަކަ ދެއްކި އެވެ.

އިދިކޮޅު އެމްޑީޕީން ރާވައިގެން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތު

ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ބަދަލު ގެނައި ދުވަސް ކަމަށްވާ އޯގަސްޓް 25، ގައި ސަރުކާރުގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އެ ކުންފުނީގެ ބޯޑަށް ތުހުމަތުތަކެއް ކުރި އެވެ. އެގޮތުން މާލީ ބަގާވާތެއް ގެނެެސް ސަރުކާރު ވައްޓާލަން ބީއެމްއެލްއިން ރޭވި ކަމަށް ވެސް ތުހުމަތުތަކެއް ކުރި އެވެ.

ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެކަމާ ގުޅިގެން އެއީ ބަގާވާތެއް ކަމަށް ފުރަތަމަ ނުބުނެ އެވެ. އެހެން ފުރަތަމަ ވިދާޅުވީ, ޖެހިގެން އައި ދުވަހު ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއިން އިދިކޮޅު އެމްޑީޕީއާ ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށެވެ.

"އިއްޔެ އިރު އެރި އިރުގައި މާލީ ބަގާވާތެއް ގެންނަން މި މީހުން އަޑީގައި ތިބެގެން، މާލީ ބަގާވާތެއް ގެންނަން މަސައްކަތް ކުރީ. އެއީ އިއްތިފާގެއް ނޫން. ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގަހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސެއްގައި،" ޝިޔާމް ވިދާޅުވި އެވެ.

"އެ ވާހަކަ ދައްކަވާ. އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން، މިއީ ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް،"

ޕީއެންސީން ބޭއްވި އެ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލްއިން ގެންނަން އުޅުނީ ބަގާވާތެއް ކަމަށާއި ބީއެމްއެލް ބޯޑުން ކާޑު ލިމިޓަށް ބަދަލު ގެނައީ އެގޮތަށް ނުހަދަން ސީދާ އެމަނިކުފާނު އިރުޝާދު ދެއްވަމުން ދަނިކޮށް ކަމަށެވެ.

އެމަނިކުފާނުގެ އިރުޝާދާ ދެކޮޅަށް ބީއެމްއެލްގެ ބޯޑުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެންނަން ނިންމި މައްސަލަ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ އެ ހަރުގެ ޖަލްސާ ނުނިމެނީސް ފުލުހުން ވަނީ ބަޔާނެއް ނެރެ، މާލީ ބަގާވާތުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

"މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފައި،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން އޮގަސްޓް 26، ގައި ނެރުނު އެ ބަޔާނަށްފަހު މިހާތަނަށް މާލީ ބަގާވާތާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މާލީ ބަގާވާތާ ގުޅިގެން އެއީ ހިންގިދާނެ ތަހުގީގެއްތޯ ބެލުމުުގެ މަސައްކަތް ކުރަމަށް ލިޔުންތައް ހޯދައި މަސައްކަތް ކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ނޮވެމްބަރު 14، ގައި ވިދާޅުވި އެވެ.

"އެއީ އެކަށީގެންވާ ތުހުމަތެއްތޯ ނޫންތޯ ވެސް ބެލޭނީ މައުލޫމާތުތައް އެއްކޮށް ކަންތައްތަކެއް ކޮށްގެން. ކަމާ އަޅުގަނޑުމެން ގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ނިމިފައި އެެހެރީ. ދިރާސާ ކުރުމަށްފަހު އެއަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން މިދަނީ. ފައިންޑިންތަކުން އެއީ ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލޭނެ،" ކޮމިޝަނާ ޝުޖާއު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ހުރިނަމަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާނެ ކަމަށާއި ނަމަވެސް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ނެތްނަމަ އެ މައްސަލަ ފައިލް ކުރާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ސަރުކާރުން ބީއެމްއެލްގެ ނިންމުމަކީ މާލީ ބަގާވާތެއް ކަމަށް ސިފަކޮށްދޭން މަސައްކަތްކުރިއިރު، އޭރު ބީއެމްއެލްގެ ބޯޑުގައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ސްލޮޓުތަކުގައި ތިބި އެންމެންނަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، ސަރުކާރުން ހުށަހަޅައިގެން ބޯޑަށް އައްޔަންކޮށްފައި ތިބި މީހުންނެވެ.

ބީއެމްއެލްއަށް ސަރުކާރުން ކުރި ތުހުމަތުތަކާ އެކު އެ ކުންފުންޏަށް މިދިޔަ ދިގު ތާރީހުގައި ކުރިމަތިލާން ނުޖެހޭ ވަރުގެ ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. އެއީ އެ ކުންފުންޏަށް އޮތް އިތުބާރު އާންމުންގެ މެދުގައި އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ މެދުގައި ވެސް ގެއްލުމެވެ.

މަސްވެރިންގެ މުޒާހަރާތައް ގިނަ އަހަރެއް

މި ސަރުކާރުގެ ވައުދަކީ 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދިނުމެވެ. ނަމަވެސް އަހަރު ފެށިގެން ވެސް މަސްވެރިންނަށް އެ ވައުދު ފުއްދިފައި ނުވާތީ މަސްވެރިން ދިޔައީ އެ ވައުދު ފުއްދަން ސަރުކާރަށް ގޮވައިލަމުންނެވެ. އަދި މަސްވެރިން ކިރާ މަހަށް ތިން މަސްވާއިރު ވެސް ފައިސާ ނުލިބޭތީ އެކަމާ ދެކޮޅަށް މަސްވެރިން އިހުތިޖާޖުތައް ކޮށްފައިވެ އެވެ.

މަސްވެރިންގެ މުޒާހަރާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުޒާހަރާއަކަށް ކުރީ ޖޫން 12، ގައި ހުޅުމާލެއިން ފުރައިގެން އައި ގިނަ ދޯނިތަކެއް މާލޭ އެއް ނަންބަރު ފާލަމުން ވަދެ ކުރި މުޒާހަރާ އެވެ. އެ ދޯނިތައް އެއް ނަންބަރަށް ވެއްދުމަށް ފުލުހުންނާއި އެމްއެންޑީއެފްއިން މަސައްކަތް ކުރި ނަމަވެސް، ދޯނިތައް ވަނީ ސަލާމަތީ ބާރުތަކުގެ އެންގުމަށް ބެލުމެއް ނެތި އެތެރެއަށްވަދެ މަސް އޮޑިތަކުން އެއް ނަންބަރު ފާލަމާއި އެމްއެމްއޭ ކުރިމައްޗާވާ ދިމާ އެއްކޮށް ފުރާލައިފަ އެވެ.

މަސްވެރިންގެ މުޒާހަރާގެ ސަބަބުން އެއް ނަންބަރު ފާލަމަށް ވަންނަން ބޭނުވި އެއްވެސް ލޯންޗަކަށް އަދި އިތުރު ކަނޑު އުޅަނދަކަށް ވެސް ނުވަދެ އެވެ. އެ ޖާގައެއް މަސްވެރިން ދައްކާފައެއް ނުވެ އެވެ. މަސްވެރިން ކުރަމުންދިޔަ އެ މުޒާހަރާ އިތުރަށް ހޫނުވީ އެ ސަރަހައްދަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދުމާ ގުޅިގެންނެވެ. އެގޮތުން މަސްވެރިންގެ ހުރިހާ އުދާހެއް މިނިސްޓަރަށް އެވަގުތު ބަންޑުންކޮށްލި އެވެ.

މަސްވެރިންގެ މުޒާހަރާގައި އެ މަސްވެރިންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދިނުމާއި، ލޭނު އެޅުމަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމާއި، މަސްވެރިންނަށް ރަނގަޅު ރޭޓެއްގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މަސްވެރިން ކުރި އެ މުޒާހަރާގައި މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންގެ ޑިމާންޑުތަކަށް ފުއްދުމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މުޒާހަރާ ކުރި ދުވަހުގެ ރޭގަނޑު މަސްވެރިންނަށް ހަމަ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބުނުމުން މަސްއޮޑިތައް އެއް ނަންބަރު ފާލަން ހިމެނޭ ސަރަހައްދުން އަނބުރާ ފުރައިގެންދިޔަ އެވެ.

މީގެއިތުރުން ސަރުކާރުން ފަހުން ވަނީ ލޭނު އެޅުމަށް ހުއްދަ ދޭން ނިންމި ނިންމުން ވެސް ބަދަލުކޮށް އަދި 48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާ މަހަށް ވެސް ފައިސާ ދޭން ފަށައިފަ އެވެ. ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސްވެރިން ވަނީ ވަރަށް ބޮޑު ރޯލެއް ކުޅެ، ސަރުކާރަށް ވަރަށް ޕްރެޝަރު ކޮށްފަ އެވެ.

އެގޮތުން އައްޑޫ އާއި ކޫއްޑޫގެ އިތުރުން މަސްވެރިންގެ މުޒާހަރާތައް އެކި ރަށްރަށުގައި ވެސް ކޮށްފައިވެ އެވެ. ގިނަ މުޒާހަރާތައް ކުރީ ފައިސާ ނުލިބުމާއި ލޭނު އެޅުމާ ދެކޮޅަށެވެ. އެގޮތުން ބައެއް ރަށްރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުތައް ދިޔުމުން ހިތްހަމަނުޖެހިގެން ރަށަށް އަރުވަން ދެކޮޅު ވެސް ހެދި އެވެ.

ދިވެހި ސިފައިންގެ ވައިގެ ބާރު އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުން

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓޭނެ ގާބިލިއްޔަތު ގައުމީ ދިފާއީ ބާރުގައި ގާއިމުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އެމްއެންޑީއެފް އެއާ ކޯ މިދިޔަ އަހަރުގެ މާޗު 12، ގައި އިފްތިތާހުކުރި އެވެ.

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރީ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ދިވެހި އަސްކަރިއްޔާއަށް ތައާރަފުކުރުމާ އެކީގަ އެވެ. އޭ ގެ ތިން ޑްރޯން އަސްކަރިއްޔާގައި ބޭނުންކުރަން ފެށި އެވެ.

އަސްކަރިއްޔާގައި ޑްރޯން ބޭނުންކުރަން ފެށިއިރު، ތުރުކީން ޑްރޯންތައް ގަންނަ ހަބަރު އެންމެ ފުރަތަމަ "އަދަދު" އިން ރިޕޯޓުކުރި ދުވަހުން ފެށިގެން ސަރުކާރުން މިވީހާ ދުވަހު ޑްރޯންތަކެއް ގެންނަ ވާހަކައެއް ނުބުނެ އެވެ. ބުނަމުން އައީ އެމްއެންޑީއެފްއަށް ޒަމާނީ ޕްލެޓްފޯމްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

އެނގިފައިވާ ގޮތުގައި ތުރުކީން އަސްކަރީ ޑްރޯން ގަންނަން ސޮއިކުރި އެއްބަސްވުމުގެ އަގަކީ 570 މިލިއަން ރުފިޔާ އެވެ. އެކަމަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުގެ ފަރާތުން ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ދެކޮޅު ހަދާފަ އެވެ.

ޑްރޯންތައް ގެންނަން އުޅޭ ކަމަށް ފުރަތަމަ އިޝާރާތްކުރެއްވީ ރައީސް މުއިއްޒު ޗައިނާ ދަތުރަށް ފަހު އެނބުރި ވަޑައިގެން ދެއްކެވި ވާހަކައިގައި، އިންޑިއާއަށް އަމާޒުކޮށް ދޫކޮށްލެއްވި ބަހުގެ ހަމަލާތަކުގަ އެވެ.

ޑްރޯންތައް ދައްކާލި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ގޮތުގައި ޑްރޯންތައް ގެނައުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި ތިން ޑްރޯން ފެންނަން ހުރި ނަމަވެސް މުސްތަގުބަލުގައި އެއަށް ވުރެ މާ ގިނަ ވާނެ ކަމަށެވެ. އަދި މިއީ ވެސް ރައީސް އުރުދުގާންއާ އޮންނަ ގާތްކަމުގެ ތެރެއިން ފަހިވެގެން ދާނެ ކަންކަން ކަމަށް ވިދާޅުވި އެވެ. ބައެއް ޑްރޯންތައް ހިލޭ ލިބުނު ކަމަށް ރައީސް ވިދާޅުވީ މިހެން ވިދާޅުވުމަށް ފަހެވެ.

"އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން އަޅުގަނޑު ފަހުރުވެރިކަމާއެކީ ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަަވެސް ބޮޑު އަގުގައި ގެނައި ޑްރޯންތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފުމަކީ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމެކެވެ. އެގޮތުން މީހުން ގެއްލިގެން ހޯދާ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރާ މިންވަރު މަދު ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ޑްރޯން ގަތް ގޮތާ މެދު ގިނަ ސުވާލުތަކެއް އުފެދެނީ އެކަމާ ގުޅޭ އެއްބަސްވުން ހާމަނުކޮށް، އެއްވެސް ތަފްސީލެއް ވެސް ސަރުކާރުން ހާމަ ކޮށްފައި ނުވާތީ އެވެ. އެގޮތުން ޑްރޯން ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިމެނޭ ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާއިރު، މިއަދާ ހަމައަށް ވެސް އެކަމާ ގުޅިގެން އެ ކޮމިޝަނުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ތިން މިނިސްޓްރީއެއް އަނދާ އަޅިއަށްވެ، މުހިންމު ލިޔުންތައް ގެއްލުން

މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޑިސެމްބަރު 12، ގައި ތިން މިނިސްޓްރީއެއްގައި ރޯވެ އަނދާ އަޅިއަށްވި އަލިފާނުގެ ހާދިސާ އެވެ. އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ހިންގަމުންދިޔަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލިވި އެވެ.

އެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އެގޮތުން އެ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ނުވެ، ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް އެއްކޮށް އަނދައި ހުލިވީ އެވެ. އެ އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ގިނަ ވަގުތުތައް ނެގިއިރު، ގިނަ ތަކެތި އަނދައި ހުލިވި އެވެ.

އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ ބިންތަކުގެ ރަޖިސްޓްރީތަކާއި އުފަން ދުވަހުގެ ރަޖިސްޓްރީތައް ރައްކާ ކޮށްފައި ހުރި އިމާރާތުގައި ވެސް އަލިފާން ރޯވެ، ބައެއް މުހިންމު ލިޔުންތައް އަނދައި އަޅިއަށްވި އެވެ. ނަމަވެސް ބައެއް ލިޔުންތައް އެތަނުން ސަލާމަތް ކުރެވުނެވެ.

މާލެ ސިޓީ ކައުންސިލުގެ ލިޔުންތައް އެނދީ އެ ލިޔުންތައް ވެސް ހިމެނޭހެން ސިޓީ ކައުންސިލްގައި ހުރި ހުރިހާ ލިޔުމެއް ޑިޖިޓަލް ކުރަން ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްފައި އޮއްވަ އެވެ. އެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހަވާލުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރި އިއުލާނެއްގެ ދަށުންނެވެ.

ނަމަވެސް ތިން މިނިސްޓްރީގައި ހުރި ލިޔުންތަކުގެ އިތުރުން ސާވާތައް އެއްކޮށްހެން އަނދައި ހުލިވި އެވެ. އެކަމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ހައުސިންގައި ހުރި މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށާއި ސާވާތައް ވެސް ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

އެކަމަކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ/ އަބްދުﷲ މުއްތަލިބު ފަހުން ވިދާޅުވީ ހައުސިން މިނިސްޓްރީގައި ވެސް ހުރި ބައެއް މުހިންމު ލިޔުންތަކާއި ސާވާތައް ވެސް ސަލާމަތްވި ކަމަށެވެ. ނަމަވެސް ސަލާމަތް ކުރެވުނީ ކޮން ލިޔުންތަކެއް އަދި ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިނަ ބަައެއްގެ ސުވާލު އުފެދުނީ އެ ހާދިސާއާ ގުޅިގެން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭން ޖެހޭ 4،000 ފްލެޓުގެ ލިސްޓަށް އަސަރެއް ކުރާނެތޯ އެވެ. އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން އޭރު ވަނީ ފްލެޓު ލިސްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެ ހުރިހާ ޑޭޓާއެއް ކްލައުޑުގައި ސްޓޯ ކުރެވިފައިވާ ކަމަށެވެ. އެކަމަކު ފްލެޓް ލިސްޓު އާންމު ކުރަން އިތުރަށް ވަގުތު ބޭނުންވާނެކަން އޭރު އިއުލާން ކުރި އެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ނުވަތަ ރޯވީ ކަމެއް ތަހުގީގަށް ޔަގީން ކުރެވިފައެއް ނުވެ އެވެ. އަލިފާނުގެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން މުޅި ތަން ސާފު ކުރުމުގެ މަސައްކަތް ފެށުމުން، އެކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލުތައް އުފެއްދި އެވެ.

ހާއްސަކޮށް ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ އެހީ ހޯދިއިރު، އެމީހުން ގެނައުމުގެ ކުރިން ތަން ސާފު ކުރުމުން ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ތަހުގީގަށް ގެނައި އިންޑިއާގެ ޓީމު ޑިސެމްބަރު 20، ގައި ރާއްޖެ އައުމަށްފަހު، ޑިސެމްބަރު 22، ގައި އަނބުރާ ފުރައިގެންދިޔަ އެވެ. އެޓީމުގެ ހޯދުންތައް ތަހުގީގު ޓީމާ ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި މާލެ ސިޓީ ކައުންސިލުގެ އެނދި ތަނުގައި ހުރި މުދާތައް އޭރު ބަދަލުކުރީ ގަލޮޅު މަދުރަސާއަށެވެ. ނަމަވެސް ރަސްމީކޮށް ހިދުމަތް ދޭނެ ތަނެއް އަދިވެސް ހަމަނުޖެހެ އެވެ.

އެއް ދުވަސް ތެރޭގައި ގާނޫނު އަސާސީ ބަދަލު ކުރުން

މިދިޔަ އަހަރު ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ނޮވެމްބަރު 20، ގައި ރައްޔިތުންގެ މަޖިލީހުން އެއް ދުވަސް ތެރޭގައި ވަނީ ފާސްކޮށްފަ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން ހެނދުނު އިއްވުމަށްފަހު، އިބްދިދާއީ ބަހުސް އަދި ކޮމިޓީގެ މަސައްކަތް ވެސް ނިންމީ އެ ދުވަހު އެވެ.

ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ރިޕޯޓު ފާސްކުރުމަށް ނެގި ވޯޓުން ފާސްވީ، ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެވެ.

ގާނޫނު އަސާސީ ބަދަލުކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިން ބައެވެ. އެއީ 70 މެންބަރުންނެވެ.

އެ ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ފަސް އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.

ބިލު ފާސްވުމާއެކު ގާނޫނު އަސާސީއަށް އައި ބަދަލުތައް؛

  • މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުން:

މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ.

އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.

  • ރައީސަށް އިތުރު ބާރެއް:

މި ބިލުގައި ދެން ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކުރުމެވެ.

އެގޮތުން ރައީސަށް އަލަށް ދޭ ބާރަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމެވެ.

  • ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުން:

ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދާފައިވެ އެވެ.

  • އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުން:

ގާނޫނު އަސާސީއަށް އިތުރުކުރާ މި މާއްދާގެ ދަށުން ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް، އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ އެވެ.

  • ރެފެރެންޑަމަކަށް ދާންޖެހޭނެ ކަމަށް ބުނާ މާއްދާ އިސްލާހު ކުރަން ވެސް ރިފަރަންޑަމަކަށް:

ގާނޫނުއަސާސީގައި މިހާރު ލިޔެފައި އޮތް ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދާންޖެހޭނީ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ މާއްދާތަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާން ކުރާ މާއްދާ އާއި ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ މާއްދާ ބަދަލު ކުރާ ނަމަ އެކަންޏެވެ.

އެ މާއްދާތައް އިސްލާހު ކުރަން ރެފެރެންޑަމަކަށް ދާންޖެހޭނެ ކަމަށް ބުނާ މާއްދާ، ރިފަރެންޑަމަކަށް ނުގޮސް މިހާރު އޮތް ގޮތުން އިސްލާހު ކުރެވޭނެ އެވެ. ނަމަވެސް ބިލުގައި އޮތީ މާއްދާ ބަދަލު ކުރެވޭނީ ވެސް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މާއްދާ ގާނޫނު އަސާސީގައި ހިމަނާފައި އޮތުމާ ގުޅިގެން އެންޓި ޑިފެކްޝަން ގާނޫނުގައި ގޮނޑި ގެއްލޭ ކަމަށް ބުނާ މާއްދާއަކީ ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލި އެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަނީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ވަނީ ވައްދައިފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ މި މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް ކޯޓު ރީސެސްގައި އޮތުމާ ގުޅިގެން އަދި އަޑުއެހުމެއް ތާވަލެއް ނުކުރެ އެވެ. މި މައްސަލައިގެ ތެރެއަށް ތަދައްހުލުވާން އިދިކޮޅު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ވަނީ ނިންމާފަ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހަށް ހުށަހެޅުން

މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން" ބިލު ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރު ނޮވެމްބަރު 12، ގަ އެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލާ ގުޅިގެން ނޫސްވެރިންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދުނެވެ. އަދި އެ ބިލު އަނބުރާ ގެންދިޔުމަށް ޕްރެޝަރުކޮށް، ނޫސްވެރިން ބޮޑެތި ކެމްޕެއިންތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ބިލްގައިވާ ގޮތުން އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްސާ ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.

ބްރޯޑްކާސްޓަރެއް ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ މިންވަރަކީ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 ޕަސެންޓެވެ. އެއީ މިސާލަކަށް، އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަ 100،000ރ. އެވެ. އަހަރުގެ އަމްދަނީ 10 މިލިއަން ނަމަ، 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ.

ބިލް އޮތް ގޮތުން، މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގައި ނިނިމި ހުރި މައްސަލަތައް ވެސް އާ ކޮމިޝަނަށް ބެލޭނެ އެވެ.

ހަތް މެންބަރުންގެ މައްޗަށް އާ ކޮމިޝަން އެކުލަވާލާއިރު، ހަތަރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން މަޖިލީހުގެ ރުހުމާއެކު އެވެ. ތިން މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓު ލެވޭނީ އުފެއްދިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ.

މީޑިއާ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބިލް އެކުލަވާލާފައި ވަނީ ބަލަމުންދާ މައްސަލައެއް ނިމެންދެން ނޫސް ނެރުން ހުއްޓުވޭ ގޮތަށެވެ. އަދި ވެބްސައިޓު ބްލޮކު ވެސް ކުރެވޭ ގޮތަށެވެ.

އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެން، ޑިސެމްބަރު 19، ގައި ސަރުކާރުން ވަނީ އެ ބިލު އަނބުރާ ގެންދަން ނިންމާފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން ބޭރުކޮށްލާނެ ކަމަށް ވެސް ވިދާލުވެފަ އެވެ.

"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން," ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ވޭޕް މަނާކުރުން

މިދިޔަ އަހަރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރުން ވެގެންދިޔައީ ސަރުކާރުން އެޅި ވަރަށް ބޮޑު ފިޔަވަޅަކަށެވެ. ސަރުކާރުން އެ ނިންމުން ނިންމާފައި ވަނީ އެގޮތަށް އެ ނިންމުން ނުނިންމަން ގިނަ ޒުވާނުންތަކެއް ހާއްސަކޮށް ވޭޕް ވިޔަފާރި ކުރާ މީހުން ވެސް އެދެމުން ދަނިކޮށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ވޭޕު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.

މިގޮތުން ފުލުހުން މިހާތަނަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭޕް ބޭނުންކުރި ނުވަ މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ފުލުހުން ބުނީ ނުވަ މީހުންގެ ތެރެއިން އަށް މީހުން 40،000ރ. އިން ޖޫރިމަނާ ކޮށްފައިވާއިރު، އެކަކު ސައިކަލު މަތީގައި ހުރެ އިލެކްޓްރިކް ސިނގިރެޓް ބޭނުން ކުރުމުން 10،000ރ. އިން ޖޫރިމަނާ ކުރި ކަމަށެވެ.

ރާއްޖެއިން ވޭޕް މަނާ ކުރަން ނިންމި ނިންމުމާ ގުޅިގެން ވޭޕް ބޭނުންކުރާ ޒުވާނުންނާއި ވޭޕްގެ ވިޔަފާރި ކުރާ ޒުވާނުން ވަނީ ފިހާރަތައް ބަންދުކޮށްގެން އިހުތިޖާޖު ކޮށްފަ އެވެ. މަޖިލިސް ކައިރީގައި ވެސް އެ މީހުން އިހުތިޖާޖު ކުރިއިރު، ސަރުކާރުގެ ފަރާތުން އެ މީހުންނަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ވޭޕް މަނާކުރީ ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެ، އެއީ ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ގަބޫލު ކުރެވިގެންނެވެ. ނަމަވެސް ވޭޕް މަނާ ކުރުމުގެ ކުރިން އެއްވެސް ދިރާސާއެއް ހަދާފައެއް ނުވެ އެވެ.

ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.