ގާނޫނު ތަންފީޒު ކުރުމުގައި އަދުލުވެރިވާށެވެ.

31 ޑިސެންބަރު 2024 - 02:37 3

މަހްފޫޒް ސައީދު

މ


ގާނޫނު ތަންފީޒު ކުރުމުގައި އަދުލުވެރިވާށެވެ.

31 ޑިސެންބަރު 2024 - 02:37 3

ޅަ ދުވަސް ހަނދާނަށް ގެންނާށެވެ. ހިފިނުހުރެވިގެން ކޮޅުކޮޅު މައްޗަށް ދުވެ އުޅެނިކޮށް ކާ މޭޒުގައި ލެނޑި، މޭޒުމަތީގައި ހުރި ފެންބޯ ތަށި ވެއްޓި ތެޅެނީ އެވެ. އޭރު އަމާ އިންނާނީ އަޅިއުނދުނުގެ ކުރިމަތީގައި އުޑަފައިން އިށީނދެގެން، އޭގެ މައްޗަށް އުނދާފައި ހުރި ތެއްޔަށް ދޭފަތް ބާނައިގެންނެވެ. ތަށި ތެޅުނު އަޑު އިވުމާއެކު ފުރަތަމަވެސް އަމާގެ ނަޒަރު ހުއްޓޭނީ ފައިބުޑުގައި އޮތް އިލޮށިފައްޗަށެވެ. މިހިރަ އެއްޗަކު މަގޭ ތަށި ތަޅާލީޔޭ ކިޔައި ހަޅޭއްފަޅޭއް ޖަހައިގަތުމާއެކު އިލޮށިފަތި ހުސްވަންދެން ތަޅައިގަންނާނެ އެވެ. ސަލާމަތްވާން ދުއްވައިގަތުމުން ފަހަތުން އުދުހިފައި އެހެރަ އަންނަނީ އަމާގެ ފައިވާންކިބަ އެވެ.

މިއީ އަމާ ނުލާހިކު ލޯބިން ގެންގުޅުނު ބިއްލޫރި ތަށި ތަޅާލީތީ އަމާ ދިން އަދަބެވެ. އެ ދުވަހަށްފަހު އުޅުނީ ބިއްލޫރިތަށްޓަށް ނިކަން ސަމާލުވެގެންނެވެ. މިހެން އުޅެނިކޮށް ގެއަށް އައި މެހެމާނަކު ކައި އަވަދިވެގެން ތެދުވާން އުޅުނު ވަގުތު އޭނާ ފުފިފައިހުރި ބަނޑުން މޭޒުގައި ޖެހި އެރި ލޮޅުމާއެކު ތަށްޓެއް ވެއްޓި ތެޅިއްޖެ އެވެ. އެ މެހެމާނަކު ވަރަށް ދެރަވެފައި މަންމައަށް ބަލާލި އެވެ. ވަރަށް ބޮޑަށް މައާފުކުރާށޭވެސް ބުނެފި އެވެ. އަމާ ހިނިތުންވެފައި ބުނެ އެވެ. އެކުން ތިޔައީ ކަމެކޭ ނުހިތާށެވެ. ތިޔަހެން ވެދާނެ އެވެ. މަސޮރު ހިނިއައިސްފައި ހުރީ އަމާ އެ މެހެމާނަށް އިލޮށިފަތީގައި ހުރިވަރު ދައްކާލޭކަމަށް ހިތައި އެވެ. އެކަމަކު އަމާގެ ރާގާއި ހަރަކާތް ބަދަލުވެ ކަންވީގޮތުން އަނގަހުޅުވި ބަސްހުއްޓިފައި ހުރެވުނީ އެވެ. ތަށި ތެޅުމުން ދޭން އޮންނަ އަދަބު ދިނުމުގައި ތަފާތެއް އެ ގެނައީ އެއީ މެހެމާނަކަށްވީތީ ދިން ހާއްސަ އިނާޔަތެއްގެ ގޮތުންނެވެ.

Advertisement

އެތަފާތު ގެނައުމުގެ ހުއްދަ އަމަޔަށް ލިބެނީ އެއީ އަމާގެ ހިތަށް ފެނުމުން ތަންފީޒުކުރާ ގޮތަށް ހެދި ގާނޫނަކަށްވީތީ އެވެ. ތަށި ތަޅާލާ ކޮންމެ ފަހަރަކު އިލޮށިފައްޗަށް ބާރެއް ނުކުރާނެ އެވެ. ބައެއް ފަހަރު ފައިވާނެވެ. ބައެއް ފަހަރު ހިމޭންކަމެވެ.

މި ހަފުތާގައި ހަބަރުތަކުން ފެނުނީ ވޭޕް ބޭނުންކުރި ފަތުރުވެރިޔަކު ޖޫރިމަނާކުރުމުގެ ބަދަލުގައި އޭނާއަށް ނަސޭހަތް ދީ ފޮނުވައިލައިފިކަމަށް ފުލުހުން ބުނި ހަބަރެވެ. އޭނާ ވޭޕް ބޭނުންކުރީ މި ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގަ އެވެ. ވޭޕް ބޭނުންކުރުން އާންމު ގޮތެއްގައި މަނާކުރުމުގެ ކުރިންވެސް، އެއާޕޯޓުގައި ދުންފަތުގެ އިސްތިއުމާލުކުރުން އޮންނަނީ ގާނޫނަކުން މަނާކުރެވިފަ އެވެ. އެހެން އެއްވެސް ބަޔަކު (ފާޅުގައި) އެކަމެއް ނުކުރެ އެވެ. އެވަރުގެ ކަމެއް ކުރީމާ އޭނާގެ ކޮނޑުގައި ޖަހާލާފައިވާ 'ހާދަހާ ލާނެތް ސޮރެކޭ.. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ..' ބުނެފައި ފޮނުވާލީ ކޮން ގާނޫނަކުން ލިބުނު ހުއްދައަކުން ހެއްޔެވެ؟

ވޭޕް ބޭނުންކުރި ޓޫރިސްޓަކު ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

ފުލުހުން ބުނީ އެ ޓޫރިސްޓު މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވޭޕް ބޭނުން ކުރި މައްސަލައާ ގުޅިގެން ހާލަތަށް ބެލުމަށްފަހު، ޖޫރިމަނާ ނުކޮށް ދޫކޮށްލީ ނަސޭހަތް ދިނުމަށްފަހު ކަމަށް.

ވޭޕް ބޭނުންކުރި ޓޫރިސްޓަކު ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

ފުލުހުން ބުނީ އެ ޓޫރިސްޓު މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވޭޕް ބޭނުން ކުރި މައްސަލައާ ގުޅިގެން ހާލަތަށް ބެލުމަށްފަހު، ޖޫރިމަނާ ނުކޮށް ދޫކޮށްލީ ނަސޭހަތް ދިނުމަށްފަހު ކަމަށް.

ވޭޕް ބޭނުންކުރުން މަނާކުރެވިފައި އޮތީ ދުންފަތް ކޮންޓްރޯ ކުރުމާބެހޭ ގާނޫނުގެ 10-2 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ "އިލެކްޓްރޯނިކް ސިނގިރެޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ." މިހެންނެވެ. ގާނޫނުގެ މި އިބާރާތް ލިޔުނު ބަޔަކަށް ސާބަހެވެ. މިއަށްވުރެ ވަކި ރިވެތިކޮށް، ސާފުކޮށް މި ވާހަކަ ބުނެވޭނޭ ގޮތެއް ވެސް ނެތެވެ.

ގާނޫނުގައި މިވާހަކަ ލިޔެފައި ދެން އެ ގާނޫނުގެ 35 ވަނަ މާއްދާގައި ލިޔުނީ ގާނޫނު ތަންފީޒު ކުރާ މީހުންގެ ޒިންމާ އެވެ. އެ މާއްދާގައި އޮތީ ގާނޫނުގައި ބުނެފައިވާ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ތަންފީޒުކުރުމަކީ ލާޒިމުކަމެއް ކަމުގަ އެވެ. ވަކި މީހަކަށް މައާފު ދިނުމާއި، ނަސޭހަތް ދިނުމާއި އިންޒާރު ދީ ދޫކޮށްލުމުގެ އިހުތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިދޭ މާއްދާއެއް ގާނޫނަކު ނެތެވެ. ޖޫރިމަނާކުރުމުގައި އަމަލުކުރާނޭ އުސޫލު ބުނެދޭ ގަވާއިދެއްވެސް ނެތެވެ. ގަވާއިދެއް ހެދިޔަސް، ގާނޫނުގައި އެ އިހުތިޔާރު ނެތުމުން ނަސޭހަތް ދިނުން އެއީ ނެތް އިހުތިޔާރެއް ކަމުގައި ބަލަންޖެހެ އެވެ. އޮތީ ވޭޕު ކުރާތަން ފެނިއްޖެނަމަ ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދަމާލާ ކޮންމެ ފަހަރަކަށް ފަސްހާހެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުގައި ކުރުން މަނާކަމެއް ދިވެއްސަކު ކުރިޔަސް، ބިދޭސީއަކު ކުރިޔަސް ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަ ވާންވާނެ އެވެ. ފުރަންގޮސް ހުރި ބިދޭސީއަކަށްވާތީ އޭނާގެ ހާލަތަށް ބަލައި ގާނޫނު ތަންފީޒުކުރުމުން އިސްތިސްނާ ކުރެވޭނަމަ އެކަންވެސް ބަޔާންކޮށްފައި އޮންނާނީ ގާނޫނުގަ އެވެ. އެހެން ނޫނީ އެއީ ގާނޫނު ތަންފީޒުކުރުމުގައި އަމިއްލަ ގޮތް އިސްކުރުމެވެ. ތަފާތު ކުރުން އިސްކުރުމެވެ.

ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދެންހުރި މާއްދާތަކަށްވެސް ވެފައި އޮތީ އެކަހަލަ ގޮތެކެވެ. ފުރަތަމަކޮޅު ކެފޭތަކުގައި ރަތް ރޮނގު ދަމައި ދުން އަރުވާ ސަރަހައްދު ވަކިކުރި އެވެ. މިހާރު އެ ރަތްރޮނގު ފުހެވިއްޖެ އެވެ. ދުން ނޭރުވޭ ހަމަ އެއްވެސް ތަނެއް ނެތެވެ.

މިކަމުގައި ފުލުހުންގެ ގޯހެއްވެސް ނެތެވެ. ގާނޫނު އެކުލަވާލި މަރުހަލާގައިވެސް ފުލުހުންވަނީ މި ގާނޫނު ތަންފީޒުކުރުން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގައި ބުނެފަ އެވެ. އެކަމަކުވެސް ކަލޭމެންނަށް ވާނެޔޭ ކުރާށޭ ބުނެ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ އެވެ. ވެރިޔަކަށް ވިދާޅުވެވިފައި އޮތް ގަދަ ބަހުގައި ހިފެހެއްޓީ އެވެ.

ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން އިސްކުރާށެވެ. ރާއްޖޭގެ ސަރަހައްދުގައި ވޭޕުކުރުން މަނާކަމުގައިވާނަމަ އެކަން އެންމެންނަށް މަނާވާނެ އެވެ. އެކަން ކުރަނީ ދޭސީއެއްތޯ ބިދޭސީއެއްތޯވެސް ބަލާކަށް ނުޖެހެ އެވެ. އާންމު އާދައިގެ ރައްޔިތެއްތޯ ނުވަތަ ސިޔާސީއެއްތޯވެސް ބަލާކަށް ނުޖެހެ އެވެ. އެ މިންވަރަށް ގާނޫނު ތަންފީޒު ނުކުރެވޭނަމަ އެކަމާ ހަމަ އެއްގޮތަކަށްވެސް އުޅޭނެ ކަމެއް ނެތެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ބަބްސް

2 months ago

ސަޅި ލިޔުމެއް. މިކަން އެންމެބޮޑަށް ފާހަގަވީ ރާއްޖޭގައި މިހާތަނަށް ކުރިވައްކަމުގައި ހަމައެކަނި ޖަލަށް ލެވުނު ބަޔަކު ފިނިކޮޓަރީގައި ބާއްވާފައި ރިހާކުރުފުޅި ނެގިމީހާ ފިތިބާރުވެފައި އޮތް ގޮޅިއަކަށްލީމައި.

ސައިޚް

3 months ago

ވަރަށް ރަނގަޅު ލިޔުމެއް، ގާނޫނު ތަނފީޒު ކުރަން ހަވާލުކުރެވިފައިވާ ފަރާތް ފެއިލްވެ، ތަފާތުކުރުން ބޮޑުވުމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލިފަ،

އެދުރު

3 months ago

މި ގައުމުގައި ގާނޫނު ހިނގާނީ ތަންފީޒު ކުރަން ތިބޭ މީހުން ބޭނުންވާ ފަހަރަކު ބޭނުންވާ މީހެއްގެ މައްޗަށް. ދައްކަން ހުރި ވާހަކަ ވަރަށް ގިނަ މަޒުމޫނެއް ލިޔަން ޖެހޭނީ.