Advertisement

ގޯތި ވައްކަމުގެ މައްސަލައިގައި ފުރުން މަނާ ކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

30 ޑިސެންބަރު 2024 - 10:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގޯތި ވައްކަމުގެ މައްސަލައިގައި ފުރުން މަނާ ކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

30 ޑިސެންބަރު 2024 - 10:31 1

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުރުން މަނާ ކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.

ފުލުހުން ބުނީ ގެ މައްސަލައާ ގުޅިގެން ޕާސްޕޯޓު ދޫކޮށްލި ނުވަ މީހުންގެ ތެރޭގައި ފަޒުލް އަދި ފަޒީލް ނުހިމެނޭ ކަމަށެވެ.

އެ ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް، ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

ގޯތި ވައްކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކާ ގުޅިގެންނެވެ. އެގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އެންމެ ފަހުން ބުނީ ގޯތި ވައްކަމާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

ގޯތިތަކުގެ މައްސަލަ ފުރަތަމަ ފެންމަތިވީ ޖުލައި މަހު އެވެ. ދެ މީހަކަށް އެއް ބިމެއް ދީފައި އޮތްކަން އެނގިގެން އެކަމުގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރި އެވެ. ނަމަވެސް އެ މައްސަލަ އޭރު ތަހުގީގީ އިދާރާއަކަށް ހުށަހައެއް ނާޅަ އެވެ.