30 ޑިސެންބަރު 2024 - 01:06 0
30 ޑިސެންބަރު 2024 - 01:06 0
ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ހަމަނޭވައެއްލިއިރު، ވެސްޓް ހޭމް ޔުނައިޓެޑް 5-0 އިން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެވަޓަން އަތުން 2-0 އިން މޮޅުވެ، ދެ ވަނަ އަށް އެރި ނޮޓިންހަމް ފޮރެސްޓަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އާސެނަލަށް 18 މެޗުން 36 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 18 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. އަދި ސިޓީ ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 14 މެޗުގެ ތެރެއިން ހޯދި ދެ ވަނަ މޮޅާ އެކު، 19 މެޗުން 31 ޕޮއިންޓާ އެކު، ފަސް ވަނަ އަށް ޖެހިލައިފަ އެވެ.
ސިޓީގެ ކޯޗުގެ މަގާމުގައި ޕެޕް ގާޑިއޯލާގެ 500 ވަަނަ މެޗުގައި އެ ޓީމުން ލީޑުނެގީ ފުރަތަމަ ހާފުގައި ސަވީނިއޯ ޖެހި ގޯލުންނެވެ. މިއީ، ޖިރޯނާ ދޫކޮށް މި ސީޒަނުގައި ސިޓީ އަށް ބަދަލުވެ ސަވީނިއޯ ޖެހި ފުރަތަމަ ގޯލެވެެ. ދެ ވަނަ ހާފުގައި ސަވީނިއޯ ދިން ބޯޅައަކުން ސިޓީގެ ދެ ވަނަ ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ.
ރަށުންބޭރުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. ލިވަޕޫލުން ލީޑުނެގީ ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. އަދި މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި ސަލާހު ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެއް ސީޒަނެއްގެ ތަފާތު އަށް މެޗެއްގައި ލަނޑެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ރެކޯޑް ސަލާހު ހެދި މެޗެވެ.
ދެ ވަނަ ހާފުގައި، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ލިވަޕޫލުން ހަތަރު ވަނަ ގޯލު ޖެހިިއިރު، ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން ޑިއޯޯގޯ ޖޮޓާ ވަނީ ލިވަޕޫލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން 2-1 އިން ސައުތެމްޓަން ބަލިކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އާއި ވުލްވްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ބޯންމައުތާއި ފުލަމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment