27 ޑިސެންބަރު 2024 - 19:34 1
ލީވާން އަލީ ނާސިރު
ފުލުސް ވެހިކަލެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓުވުން: އެކްސިޑެންޓުގައި ފުލުސް ވެހިކަލް ދުއްވި އޮފިސަރުގެ އިހުމާލެއް އޮތްތޯ ދަނީ ބަލަމުން -- ފޮޓޯ: އަދަދު
27 ޑިސެންބަރު 2024 - 19:34 1
ފުލުސް ވެހިކަލެއްގައި ސައިކަލަކުން ޖެހި ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި، ވެހިކަލް ދުއްވި ފުލުސް އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:50 ހާއިރު ހިނގި އެ އެކްސިޑެންޓު ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނައިރު، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އޭނާގެ ލައިސަންސް ޑިސެމްބަރު 21، ގައި ހިފަހައްޓާފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.
"މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް. އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ފާހަގަކުރަން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ ވެހިކަލާއި ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ.
ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފަ އެވެ.
Comment