about 18 hours 0
ލީވާން އަލީ ނާސިރު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ): ގޯތި ވައްކަމާ ގުޅިގެން ވަކިކުރި އެޗްޑީސީގެ 15 މުވައްޒަފުންނަށް އަނބުރާ ވަނީ ވަޒީފާ ދީފައި -- ފޮޓޯ: އެޗްޑީސީ
about 18 hours 0
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކި ކުރި 15 މުވައްޒަފުންނަށް އަނބުރާ ވަޒީފާ އިއާދަކޮށްދީފައިވާކަން އެނގިއްޖެ އެވެ.
ގޯތި ވައްކަމުގެ މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކަށް ފަހު އެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެޗްޑީސީގެ ބައިވެރިވެރިވުމާ އެކު ގޯތި ނުލިބޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.
ގޯތި ވައްކަމާ ގުޅިގެން ފެންމަތިވި ކަންކަމާ ގުޅިގެން އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގުތަކަށް ފުރުސަތު ދިނުމަށް އޭރު ސަސްޕެންޑުކޮށްފައި ތިބި 15 މުވައްޒަފުން ވަޒީފާއިން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ނަމަވެސް, "އަދަދު" އަށް އެކި މަސްދަރުތަކުން ޔަގީންވެފައިވާ ގޮތުގައި ސަސްޕެންޝަން ދެމެހެއްޓުމަށް ފަހު އެ މީހުންގެ ވަޒީފާތައް އަލުން ވަނީ ދީފަ އެވެ.
ފުލުހުންނާއި އޭސީސީން ހިންގާ ތަހުގީގައި އެޗްޑީސީގެ އިތުރުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރި އެވެ. ނަމަވެސް ފުލުހުން ބުނީ މިހާތަނަށް ގޯތި ވައްކަމާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ނުކުރާ ކަމަށެވެ.
ގޯތި ވައްކަމުގެ އިތުރުން އެޗްޑީސީއާ ގުޅޭ ގިނަ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށްފަހު ފަޒުލް ވަނީ މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
Comment