about 6 hours 0
about 6 hours 0
މެޑްރިޑް (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި މިރޭ ކީލިއަން އެމްބާޕޭގެ ގޯލާ އެކު، 4-2 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގުގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.
ލީގުގައި ރޭ ބާސެލޯނާ ދަނޑުގައި އެ ޓީމު ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 18 މެޗުން 41 ޕޮއިންޓާ އެކު އެވެ. ރެއާލުން މިރޭގެ ނަތީޖާއާ އެކު، ދެ ވަނަ އަށް ޖެހިލީ 18 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ، މި ވަގުތު ތިން ވަނައިގައި އޮތީ، 19 މެޗުން 38 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް މި މެޗުގައި ގޯލު ހުޅުވާލައިދިން ލަނޑު ޖެހީ، 10 ވަނަ މިނިޓްގައި އެމްބާޕޭ އެވެ. މަޑުމަޑުން ރެއާލުން ބޭނުންވާ ލެވަލްގައި ކުޅެން ފަށާފައިވާ އެމްބާޕޭ މި ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެެވެ. މިއީ، މި ފަހަރުގެ ލީގުގައި އެމްބާޕޭ ޖެހި 10 ވަނަ ގޯލެވެ.
އޭގެ 10 މިނިޓް ފަހުން، ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ، އޭރިއާބޭރުން ޖެހި ޝޮޓަކުން ފެޑެރީކޯ ވަލްވޭޑޭ އެވެ.
ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން، މެޗުގެ 34 ވަނަ މިނިޓްގައި، ރޮޑްރީގޯ ވަނީ ރެއާލްގެ ތިން ވަަނަ ގޯލު ޖަހައިފަ އެެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން، ސެވިއްޔާގެ ފުރަތަަމަ ލަނޑު ޖެހީ، އިސާކް ރޮމޭރޯ އެވެ.
ދެ ވަނަ ހާފު ފެށިގެން އަށް މިނިޓް ހިނގިތަނާ ބްރާހިމް ޑިއާޒް ވަނީ ރެއާލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ސެވިއްޔާގެ ދެ ވަނަ ލަނޑު ޖެހީ ޑޯޑީ ލުކެބަކިއޯ އެވެ.
މި މެޗުގައި، ސެވިއްޔާގެ ލެޖެންޑަރީ ތަރި، ހެސޫސް ނަވާސް ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެޗު ކުޅެފަ އެވެ. އުމުރުން 39 އަހަރުގެ ނަވާސް ރިޓަޔާކުރަން ނިންމީ އުނަގަނޑަށް ލިބުނު އަނިޔާއަކާ ހެދި އެވެ. ވިހި އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ ސެވިއްޔާ އަށް 705 މެޗު ކުޅެދީފަ އެވެ. މީގެ ވިހި އަހަރު ކުރިން ނަވާސް ވަނީ އޭނާ ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ކުޅެފަ އެވެ.
މެންޗެސްޓާ ސިޓީއާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ނަވާސް އަކީ، ފުޓްބޯޅަ ތާރީހުގައި ވެސް ފީފާ ވޯލްޑް ކަޕް، ޔޫރޯ އަދި ޔުއެފާ ނޭޝަންސް ލީގު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ސެވިއްޔާގެ ކެޕްޓަން ނަވާސް: މި މެޗަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެޗު.
Comment