about 14 hours 0
ލީވާން އަލީ ނާސިރު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ): ގޯތި ވައްކަމާ ގުޅިގެން އެޗްޑީސީގެ 15 މުވައްޒަފަކު ވަނީ ވަކި ކޮށްފައި -- ފޮޓޯ: އެޗްޑީސީ
about 14 hours 0
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 15 މުވައްޒަފަކު ވަކި ކޮށްފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީން ވަކި ކުރި 15 މުވައްޒަފުންނަކީ މީގެ ކުރިން ގޯތި ވައްކަމާ ގުޅިގެން ސަސްޕެންޝަނުގައި ތިބި މުވައްޒަފުންނެވެ.
ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގައި ހިމެނޭ މެންބަރުންނާއި އެ ކުންފުނީގެ ފަސް މުވައްޒަފަކު އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ގޯތި ވައްކަމުގެ މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކަށްފަހު އެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެޗްޑީސީގެ ބައިވެރިވެރިވުމާ އެކު ގޯތި ނުލިބޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.
ގޯތި ވައްކަމުގެ މައްސަލަ ފަޅައި އެރުމުން ފުލުހުންނާއި އޭސީސީ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރެ އެވެ.
ނަމަވެސް 20 މީހެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން މާޗު 19، 2025 ގެ ނިޔަލަށް ހިފަހައްޓައި، ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ކޮއްކޮ ފަޒީލް ވެސް ހިމެނެ އެވެ.
އެޗްޑީސީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާފައިވާ ދަނޑިވަޅެއްގައި އެ ކުންފުނީގެ އެމްޑީގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު ރޭ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ މަގާމަށް މިއަދު އައްޔަނު ކުރެއްވީ މައުރޫފް ޖަމީލު އެވެ.
Comment