about 13 hours 0
އަހުމަދު އާއިދު
ވިނަރެސް ފުލެޓުތައް ހުންނަ ޓަވަރުތައް : 500 އެއްހާ ވިނަރެސް ފުލެޓުގެ އެގްރީމެންޓު ހަދާފައިވަނީ މި އަހަރު -- ފޮޓޯ: އަދަދު
about 13 hours 0
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފުލެޓުތަކުގެ ތެރެއިން 500 އެއްހާ ފުލެޓުގެ އެގްރީމެންޓު ހަދާފައިވަނީ މި އަހަރުކަން، ލީކުވެފައިވާ ވިނަރެސް ފުލެޓުގެ ލިސްޓުން އެނގިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުގައި ޖުމްލަ 1381 ފުލެޓެއް ވިއްކާފައިވާ ފަރާތްތަކާއި އެގްރީމެންޓު ނަމްބަރުތައް ހިމެނެ އެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކުރި ހުރިހާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ވިރަނެސް މަޝްރޫއުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރުގައި ޖުމުލަ 1،344 ފުލެޓެވެ.
އިތުރުވާ ފުލެޓުތަކާއި ގުޅޭގޮތުން އަދި މި ލިސްޓާ ގުޅޭގޮތުން އެޗްޑީސީން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. މީޑިއާ ޓީމުން ފޯނަށް ޖަވާބުދީފައި ވެސް ނުވެ އެވެ.
ނަމަވެސް، މި ލިސްޓަކީ ސައްހަ ލިސްޓެއްކަން މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
އާންމުވެފައިވާ ލިސްޓުގައިވާ ފުލެޓުތަކުގެ ތެރެއިން 492 ފުލެޓެއްގެ އެގްރީމެންޓު ހެދީ މި އަހަރުކަން، އެގްރީމެންޓު ނަންބަރުތަކުން ފެނެ އެވެ. އޭގެތެރޭގައި އެންމެ ގިނައީ އާންމުކޮށް ހުޅުވާލައިގެން ވިއްކި ފުލެޓުތަކެވެ.
މި އަހަރު ގިނަ އަދަދެއްގެ ވިނަރެސް ފުލެޓުތަކެއްގެ އެގްރީމެންޓު ހަދާފައިވާއިރު، އެ ފުލެޓުތައް ވިއްކީ 2022 ގަ އެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ވިއްކުމަށްފަހު ބާކީ ހުރީ 123 ފްލެޓެއް ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ވެސް ބުނެފައިވެ އެވެ. މި ފުލެޓުތައް ވިއްކުމަށް ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.
އެ ފަހަރު ފްލެޓު ގަންނަން ހުށަހަޅަން ޖެހުނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެ ދުވަހު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ގިނަ ބަޔަކަށް ފޯމު ހުށަނޭޅި ޝަކުވާ ބޮޑުވި އެވެ.
އެހެންވެ، ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެޗްޑީސީން އޭރު ވަނީ ވިނަރެސް ފްލެޓުތައް ވިއްކުން މަޑުޖައްސާލައިފަ އެވެ. އެއަށް ފަހު މިހާރުގެ މެނޭޖުމެންޓުން އެ ފޯމްތައް މިއަހަރުގެ އޭޕްރީލް މަހު ބާތިލްކުރި އެވެ. އެއަށް ފަހު އަޑިއަޑިން އެ ފްލެޓުތައް ވިއްކުމުގެ މަސައްކަތް ފެށި ކަމަށް ތުހުމަތުކުރެވެ އެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުންނާއި އެޗްޑީސީގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުން ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި އެފަދަ ފަރާތްތަކާ ގުޅުން އޮތް މީހުންނަށް ވިނަރެސްއިން ފްލެޓު ވިއްކި އެވެ. ބައެއް ފްލެޓުތައް ވިއްކީ ކަޓުގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ނަގައިގެންކަން ބައެއް ބައެއް މީހުން މި ނޫހަށް ކިޔައި ދީފައިވެ އެވެ.
އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މި ހަފުތާގެ ތެރޭ ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.
މީގެތެރެއިން ބިންވެރިޔާ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ. ފަޒުލް ހިމޭނެހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ. މީގެ ތެރޭގައި އެޗްޑީސީގެ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ކުރީ ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނެ އެވެ.
Comment