މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި މައްސަލަ ފެންމަތިވުމާއެކު އެޗްޑީސީ އެތެރެ "ފަޅައިގެން ގޮސް" ނުކުންނަން ފެށި އިތުރު މައްސަލަތަކާއި ކުރެވުނު ތުހުމަތުތަކާއި، ރައްޔިތުންގެ ފާޑުކިޔުނަށް ކެތްނުކުރެވިގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ރޭ އިސްތިއުފާ ދެއްވި އެވެ.
ބިންވެރިޔާ ސްކީމުން ވަގު ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރެއްވިއިރު، އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ފަޒުލް ގަބޫލެއް ނުކުރައްވަ އެވެ.
ނަމަވެސް އެންމެ ފަހުން ރޭގެ ވަގުތެއްގައި ފަޒުލް އިސްތިއުފާ ދެއްވި އެވެ.
ރައީސް މުއިއްޒުއަށް އެޑްރެސްކޮށް، އަދި ޕީސީބީ އަށް ކޮޕީކޮށްފައިވާ އޭނާގެ އިސްތިއުފާގެ ސިޓީ ފޭސްބުކްގައި އާންމުކޮށްފައިވެ އެވެ.
އެ ސިޓީގައި ވަނީ އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އެޗްޑީސީން ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.
"ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމުގައި ދަންނަވަން. އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ," ފަޒުލްގެ ސިޓީގައި ލިޔެފައިވެ އެވެ.
ބިންވެރިޔާ ސްކީމްގައި ހިމެނޭ ގޯތިތައް ނުލިބޭ ބަޔަކަށް ގޯތިތައް ވިއްކާލި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ވަގު ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ.
މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ޕްލޮޓުތަކަކީ ބިންވެރިޔާ ސްކީމުގައި ނެތް ތަންތަން ކަމަށެވެ. އޭގެ ތެރޭގައި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ގޯތި ހިމެނޭއިރު، އެ ގޯތީގެ އިންފާރު ހުރީ ރާނާފަ އެވެ. ބިންވެރިޔާ ސްކީމުގައި ނެތް ބިމެއްގެ އިންފާރު ނާރަން އެޗްޑީސީން ހުއްދަ ދޭންޖެހޭ ސަބަބެއް ފަޒުލް ހާމައެއް ނުކުރެ އެވެ.
މި ގޯތިތަކުގެ މައްސަލަ ޖުލައި މަހު އެނގުނު ނަމަވެސް، ޖިނާއީ ތަހުގީގެއް ކުރަން ހުށަނާޅައި ފަޒުލް އެކަންކަަން ސިއްރުކުރި އެވެ. އެއަށް ފަހު މައްސަލަ ފަޅައި އެރުމާ ހަމައަށް 50 އަށް ވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށްވެ އެވެ. އަދި ވިނަރެސް ފްލެޓާއި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ވެސް ވިއްކާ ކަމަށްވެ އެވެ.
އެޗްޑީސީގެ މައްސަލަތައް އޭސީސީ އާއި ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލަ ފެންމަތިވުމުން، އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އަދި މި މައްސަލައިގައި 20 އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އޭގެ ތެރޭގައި ފަޒުލް އާއި އޭނާގެ ބޭބެ ފަޒީލް އާއި ކުރީ ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެ އެވެ.
Comment