Advertisement

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި، އޮޕަރޭޝަނުގައި ޑްރޯން ބޭނުމެއް ނުކުރޭ

20 ޑިސެންބަރު 2024 - 16:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާޖު ކުމާރު ދަތުރުކުރަމުންދިޔަ ސީމެކްސް ބޯޓު -- ފޮޓޯ: ފޭސްބުކް


އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި، އޮޕަރޭޝަނުގައި ޑްރޯން ބޭނުމެއް ނުކުރޭ

20 ޑިސެންބަރު 2024 - 16:06 0

އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ހުރި ނޭޕާލުގެ ފަޅުވެރިޔަކު ފުވައްމުލަކާއި އައްޑޫއާ ދެމެދު ކަނޑަށް ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި އެވެ.

ރާޖު ކުމާރު ނަމަކަށް ކިޔާ މި މީހާ ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކުރީ ޑިސެމްބަރު 17، ގަ އެވެ. އޭނާ ގެއްލުނީ ޑިސެމްބަރު 16، ގެ ރޭ ދަންވަރު ކަމަށް ބެލެވޭ ކަމަށް ސިފައިން ބުނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ މީހާ ހޯދުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. މެދުކަނޑާލި ސަބަބެއް ނުބުނި ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސްވެ މެޓުން މިހާރު ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ.

ސިފައިން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދާއި އައްޑޫ ކަނޑުގެ 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މިހާތަނަށް އެ މީހާ ފެނިފައިނުވާއިރު މުޅި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަނޑުމަގުން ކަމަށްވެސް ބުންޏެވެ.

މިއާއެކު، ސަވޭލަންސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް މި އަހަރު ކުރީކޮޅު ގަތް ޑްރޯންތައް ބޭނުން ނުކުރީ ކީއްވެތޯ އެހުމުން އެމްއެންޑީއެފް އިން ޖަވާބެއް ދީފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަނޑަށް ގެއްލޭ މީހުން އަދި އުޅަނދުފަހަރު ހޯދަން ޑްރޯންތައް ބޭނުންކޮށްފައިވަނީ ދެ ފަހަރެވެ. ޑްރޯންތަކާއެކި އެމްއެންޑީއެފްގެ އެއާކޯ އިފްތިތާހުކުރީ މާޗު 15، ގަ އެވެ.

ތުރުކީގެ އަސްކަރީ ކުންފުންޏަކުން މި ޑްރޯންތައް ގަތުމަށް ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހޭދަކުރި އެވެ.